ޚަބަރު

ފޯޑެންގެ ހެޓްރިކާއެކު ސިޓީއަށް ފަސޭހަ މޮޅެއް


  • ޗެމްޕިއަންސް ލީގުގައި ފޯޑެން ޖެހި ލަނޑުގެ އަދަދުވަނީ 23 އަށް އަރާފައި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރީސްގެ އޭއީކޭ އެތެންސް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފިއެވެ.

މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި 40 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އާންމުކޮށް ފުރަތަމަ ޓީމުން ފުރުސަތު ލިބޭ ފޯވާޑް އާލިން ހާލަންޑް މި މެޗުގައި ހުރީ ބެންޗުގައެވެ.

ސިޓީން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ 12 ވަނަ މިނިޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ އެތެންސްގެ ގޯލު ހުޅުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލިއޮޓް އެންޑަސަން އެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ސިޓީން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. މި ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފިލް ފޯޑެން އެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 7 ވަނަ މިނިޓުގައި އެތެންސްގެ ސްޓެވްރޯސް ޕިލިއޯސް ވަނީ ލަނޑެއް ޖަހާފައެވެ. ނަމަވެސް އޭގެ ފަސް މިނިޓު ފަހުން ރަޔާން ޗާކީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

މެންޗެސްޓަރ ސިޓީން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 65 ވަނަ މިނިޓުގައި ފިލް ފޯޑެން ލަނޑެއް ޖެހިތާ 11 މިނިޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ހެޓްރިކް ހަދާފައެވެ.

ފިލް ފޯޑެން މި މެޗުގައި ހެދި ހެޓްރިކާއެކު އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ލަނޑުގެ އަދަދުވަނީ 23 އަށް އަރާފައެވެ.