ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވެއްޖެއެވެ.
ޕެރިހުގެ ޕާކް ޑެ ޕްރިންސަސް ސްޓޭޑިއަމްގައި 47 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާއިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ގިނަ ފުރުސަތުތައް ތަނަވަސްކޮށްފައިވަނީ ޕީއެސްޖީންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 38 ވަނަ މިނިޓުގައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީން ވަނީ ބާސެލޯނާގެ ގޯލު ހުޅުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑިޒަޔޭ ޑުއޭ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި ބާސެލޯނާގެ ޒަވީ އެސްޕާޓް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ނަމަވެސް 72 ވަނަ މިނިޓުގައި ޕީއެސްޖީން ވަނީ ދެވަނަ ފަހަރަށް ކުރި ހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލޫކަސް ހަނާންޑޭޒްއެވެ.
ބާސެލޯނާގެ ލަމީން ޔަމާލް ވަނީ މެޗުގެ 79 ވަނަ މިނިޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ.
ޕީއެސްޖީން މި މެޗުގެ ތިންވަނަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 81 ވަނަ މިނިޓުގައި ވިޓީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން އަޝްރަފް ހަކީމީގެ އެސިސްޓަކުން ފަބިއަން ރުއިޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-2 އަށް ބަދަލުކޮށްފައެވެ.
މި ނަތީޖާ އާއިއެކު ބާސެލޯނާއަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ޖުމްލަ 6 ޕޮއިންޓާއެކު ތާވަލުގެ 5 ވަނަ މަގާމް ލިބިފައެވެ.