އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު އެވަޓަން އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވިއިރު ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒަށް އަނިޔާވެއްޖެއެވެ.
އެވަޓަންގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި 52 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ޗެލްސީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ތާވަލުގެ 4 ވަނަ މަގާމް ލިބިފައެވެ. އެވަޓަން އަށް ލިބިފައިވާ 10 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 6 ވަނައިގައެވެ.
ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި ޗެލްސީން ވަނީ ލަނޑެއް ޖަހާ ކުރި ހޯދާފައެވެ.
ޗެލްސީން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޕެޑްރޯ ނެޓޯއެވެ.
މި މެޗުގެ 75 ވަނަ މިނިޓުގައި ޗެލްސީގެ އެވަޓަންއިން އުފެއްދި ހަމަލާއެއް ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އެ ޓީމުގެ ޖެރާޑް ބްރެންތްވެއިޓް އާއި އެމިލިއާނޯ މާޓިނޭޒް މުޑިއަރާ މާޓިނޭޒްގެ ބޮލަށް ވަނީ އަނިޔާވެފައެވެ.
ދަނޑު މަތީގައި ގާތްގަނޑަކަށް 10 ވަރަކަށް މިނިޓަށް މާޓިނޭޒަށް ފަރުވާ ދިނުމަށްފަހު ސްޓެރަޗަރގައި ދަނޑުން ބާލައިގެން އޭނާވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ސީރިއަސްކަން އަދި މިހާތަނަށް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.
މި މެޗުގައި ޗެލްސީން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 90 ވަނަ މިނިޓުގައި ޕެޑްރޯ ނެޓޯ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ޗެލްސީ މި މެޗުން މޮޅުވިއިރު މިއީ ފާއިތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި ޗެލްސީން ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލި ފުރަތަމަ މެޗެވެ. އަދި މިއީ މި ސީޒަނުގައި އެވަޓަން ބަލިވި ފުރަތަމަ މެޗުވެސްމެއެވެ.