ޚަބަރު

ޕެންޝަން އޮފީހުގެ "ތްރީ ޖެން ވޯކް" ހަނިމާދޫގައި ބާއްވައިފި


  • ހިނގާލުމުގައި ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީ އުމުރުގެ މީހުން ބައިވެރިވި

  • ހިނގާލުމަށްފަހު ޢާއިލީ ހަވީރެއް ކުރިއަށް ގެންގޮސްފައިވޭ

ޕެންޝަން އޮފީހުން ސިލްސިލާކޮށް ބާއްވަމުންދާ "ތްރީ ޖެނެރޭޝަން ވޯކް" (3ޖެންވޯކް)ގެ 4 ވަނަ ހިންގާލުން ހދ. ހަނިމާދޫގައި ބާއްވައިފިއެވެ.

ޕެންޝަން އޮފީހުން ވިދާޅުވީ، މިއީ ކުޑަކުދިންނާއި ބޮޑެތި މީހުން އަދި ދޮށީއުމުރުގެ މީހުން ހިމެނޭހެން، 3 ޖީލެއްގެ މީހުން ބައިވެރިކޮށް މުޅި އާއިލާއަށް ޚާއްޞަ ކޮށްގެން ބާއްވާ ހިނގާލުމެއް ކަމަށެވެ. މި ހަރަކާތަކީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން އިތުރުކުރުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުން އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާގެ ހުރިހާ މެންބަރުންގެ މެދުގައި ހޭލުންތެރިކަން އުފައްދައި، ރަނގަޅު މާލީ އާދަތަކަށް ބާރުއެޅުމުގެ ގޮތުން އެ އޮފީހުން އަހަރަކު އެއްފަހަރު ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ.

"3ޖެން ވޯކް"ގެ އެންމެ ޚާއްޞަ އަދި މުހިންމު އެއް ބަޔަކީ، އެއްއާއިލާގެ ތިން ޖީލުގެ މެންބަރުން އެކުއެކީގައި ކުރިއަށްގެންދިޔަ 1 ކިލޯމީޓަރުގެ ރަމްޒީ ހިނގާލުމެވެ. މި ހިނގާލުމަކީ ހަމައެކަނި ހަށިހެޔޮކަމަށްޓަކައި ކުރިއަށްގެންދާ ކަމެއް ނޫން ކަމަށާއި، މިއީ މާލީގޮތުން ރައްކާތެރި، ތަނަވަސް މުސްތަޤުބަލެއް ބިނާކުރުމަކީ ދިރިއުޅުމުގެ ވަކި މަރުޙަލާއަކަށް އެކަނި ޚާއްޞަވެފައިވާ ކަމެއް ނޫންކަމާއި، އަދި އެއީ ޅައުމުރުން ފެށިގެން ދޮށީއުމުރާ ހަމައަށް މުޅި އުމުރު ދުވަހަށް ދެމިގެންދާ ދަތުރެއްކަން ރަމްޒުކޮށްދޭ މުހިންމު ހަރަކާތެއް ކަމަށްވެސް އެއޮފީހުން ވިދާޅުވެއެވެ. އަދި ހަމައެހެންމެ، މުސްތަޤުބަލުގެ މާލީ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އާއިލާގެ ކޮންމެ ޖީލެއްގެވެސް ޒިންމާއެއްކަން މި ހިނގާލުމުގެ ތެރެއިން ހަނދާންކޮށްދީފައިވެއެވެ.


މި ހިނގާލުމަށްފަހު މަޢުލޫމާތު ދިނުމުގެ ސްޓޯލްތަކާއި، ކުޅިވަރުތަކާއި، ތަފާތު ޙަރަކާތްތަކުގެ އިތުރުން ކާބޯތަކެތި ހިމެނޭ އުފާވެރި ޢާއިލީ ހަވީރެއް ވަނީ ބާއްވާފައެވެ. މިއީ ޕެންޝަން އޮފީހާއި ހަނިމާދޫގައި ހަރަކާތްތެރިވާ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރިވެވޭނެހެން އިންތިޒާމުކުރި ޚާއްސަ ހަވީރެކެވެ. މި ހަވީރުގައި ވަނީ، މުޖުތަމަޢުގައާއި ޢާއިލާގެ ތެރޭގައި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ.

"3ޖެން ވޯކް"ގެ މައިގަނޑު މަޤުޞަދަކީ އާއިލާގެ ތެރޭގައި އެކި ޖީލުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކޮށް، އުފާވެރި މާޙައުލެއްގައި އާއިލާތަކަށް އެކުގައި އަގުހުރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމެވެ. އަދި ހަމައެއާއެކު ދިރިއުޅުމުގެ ކުރިމަގަށް ވިސްނައި، ރިޓަޔަރމަންޓަށް ފުރިހަމައަށް ތައްޔާރުވުމާއި، ފަހަށް ރައްކާކުރުމުގެ މުހިންމު އާދަ އަށަގެންނެވުމަށް ޕެންޝަން އޮފީހުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ހަރަކާތެއް ކަމަށްވެސް ޕެންޝަން އޮފީހުން ވިދާޅުވެއެެވެ.