ޔޫކްރެއިންގެ ހަކަތައާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ނިޒާމުތަކަށް އަމާޒުކޮށް ރަޝިއާއިން ދިން ނުރައްކާތެރި ހަމަލާތަކެއްގައި، މަދުވެގެން 8 މީހުން މަރުވެ 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. އަދި މި ޙަމަލާތަކުގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ކަރަންޓުގެ ޚިދުމަތުން މަޙްރޫމްވެފައެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ 9 ސަރަހައްދަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި ޚަރްކީވް، ކްރަމަޓޯސްކް، ވޮލިން އަދި ރިވްނޭ ފަދަ މުހިންމު ސަރަހައްދުތަކުގެ ޢުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޚަރްކީވްގެ 3 ސަރަހައްދަކަށް ދިން ހަމަލާތަކުގައި އުމުރުން 71 އަހަރުގެ އަންހެނަކާއި 58 އަހަރުގެ ފިރިހެނަކު މަރުވެ، 12 މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު އޮލެހް ސައިނީހުބޮވް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
މީގެއިތުރުން، ކުރިމަތިލުންތައް ވަރުގަދަވެފައިވާ ޑޮނެޓްސްކް ސަރަހައްދުގެ ކްރަމަޓޯސްކުން ދެ މީހަކާއި، ޑްނިޕްރޮޕެޓްރޮވްސްކުން ވެސް 2 މީހަކު މި ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕޮލެންޑުގެ ބޯޑަރު ކައިރީގައި އޮންނަ ވޮލިން ސަރަހައްދުގެ ކާބޯތަކެތި އުފައްދާ މަރުކަޒަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ އެކަކު މަރުވެ އަށް 8 މީހުންނަށް އަނިޔާވެފައިވާއިރު، ކޮވެލް ސަހަރުގެ ކަސްޓަމްސް ޓާމިނަލަކަށް ދިން ހަމަލާއެއްގައި 10 ޓްރަކެއްގައި ވަނީ ރޯވެފައެވެ. އަދި ރިވްނޭ އަދި ސުމީ ސަރަހައްދުތަކުގެ ވިޔަފާރި މަރުކަޒުތަކަށްވެސް މި ހަމަލާތަކުގެ އަސަރު ވަނީ ކޮށްފައެވެ.
ވޮލިން ސަރަހައްދުން 370,000 ގޭބިސީއަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނު ނަމަވެސް، އޭގެ ތެރެއިން 100,000 ގޭބިސީއަކަށް މިހާރު އަލުން ކަރަންޓު ދެވިފައިވާ ކަމަށް ޔޫކްރެއިންގެ ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. ރަޝިއާގެ އަސްކަރީ ކޮމާންޑަރުން ރައީސް ވްލަޑިމިޔަރ ޕުޓިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ޔޫކްރެއިންގެ ހަކަތައިގެ ނިޒާމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އދ. އިން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މޮނިޓަރުން ފާހަގަކުރި ގޮތުގައި، ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު އޮކްޓޯބަރު މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައި ޔޫކްރެއިނުން މަރުވި އާންމުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
2024 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރާ ހަމައަށް 2,570 އާންމުން މަރުވެ، 15,211 މީހުން ޒަޚަމްވެފައިވާކަން ފާހަގަކުރައްވައި، އދ. ގެ މޮނިޓަރިންގ މިޝަންގެ އިސްވެރިޔާ ޑެނިއެލް ބެލް ވިދާޅުވީ، މިއީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެ ޤައުމުގެ އާންމު ރައްޔިތުންނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ދުވަސްވަރު ކަމަށެވެ.