ވިލުންތެރި ޤައުމެއް ބިނާކުރުމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދަކަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ގުޅިގެން މީސްމީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެންނަށް ރައްކާތެރި، ޞިއްޙީގޮތުން ފައިދާހުރި އަދި ހެޔޮއަގުގައި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކޮށްދޭ، އީޖާދީ، ދެމެހެއްޓެނިވި އަދި ވިލުންތެރި ކާބޯތަކެތީގެ ނިޒާމުތަކެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިޢާރަށް އިޝާރާތްކުރައްވާ އެމަނިކުފާނު މިދުވަސް ހަނދާންކޮށްދެނީ، ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމެންޓުތަކަކީ މުސްތަޤުބަލުގެ ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަންކަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އީޖާދުކުރުމަށް އިންވެސްޓުކުރުމަކީ، ޤައުމީ ފެންވަރުގައި ކާބޯތަކެތި އުފެއްދުންތެރިކަން ފުޅާކޮށް، އަދި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދުޅަހެޔޮ، ދެމެހެއްޓެނިވި މުސްތަޤުބަލެއް ކަށަވަރުކޮށްދެވޭނެ ކަމެއް ކަމަށެވެ.
ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވުމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ، ޤައުމީ ވިލުންތެރިކަމަށާއި، އިޤްތިޞާދީ ދެމެހެއްޓެނިވި ކަމަށް އަސާސީ ގޮތުން ފުރިހަމަވާން ޖެހޭ ކަމެއް ކަމަށެވެ. އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް އަޅުގަނޑުމެންގެ ދިރިއުޅުމާއި މުޖުތަމަޢުތައް ދަމަހައްޓައިދޭ ޤުދުރަތީ ވަސީލަތްތައް ހިމާޔަތް ކުރަންޖެހޭ ކަމަށެވެ.
ސަރުކާރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމުތައް ހިމަޔާތްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް ބާނާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ލިބޭނެކަން ކަށަވަރުކޮށް މަސްރައްކާ ކުރުމާއި ޕްރޮސެސް ކުރުމުގެ ވަސީލަތްތައް ޤާއިމްކޮށް މުޅި ސިނާޢަތުގެ ކުރިއެރުމަށް ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާ ކަމަށެވެ. މީގެ އިތުރުން ދަނުޑުވެރިކަން ތަރައްޤީކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން، އެކި ރަށްތަކުގައި ދަނޑުވެރިކަމުގެ މަޝްރުޢޫތައް ކުރިއަށްގެންދެވޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ރަށްރަށުގެ ބިންތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ރަށްތަކަށް ބާރުއަޅައި، އުފެއްދުންތެރިކަން އިތުރުކުރުމުގެ ތެރެއިން ތާޒާ މޭވާ ލިބުން ފަސޭހަކޮށް ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދެމުންދާ ކަމަށެވެ.
ދިވެހިރާއްޖޭގެ އެތެރޭގެ ސަޕްލައި ޗެއިންތައް ހަރުދަނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ދަނޑުވެރިންނާއި މަސްވެރިންނަށް ބާޒާރުތައް ފަހިކޮށްދީ، ދަނޑުވެރިކަމަށް އިތުރު އިންވެސްޓްމެންޓަށް މަގުފަހިކޮށްދެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، އީޖާދުތަކާއި އަދި މަސައްކަތުގެ ޢިލްމާއި ތަޖުރިބާ ބޭނުންކޯށްގެން އުފެއްދުންތެރިކަން އިތުރުކޮށް އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމުގެ މަސައްކަތް ކުރެވޭ ކަމަށެވެ. އަދި ސަޕްލައި ނިޒާމުތަކުގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވިކަމަށް މަސައްކަތް ކުރަމުންދާ އެމަނިކުފާނު ވިދަޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިޖްތިމާޢީ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެންމެން އެކުގައި މިކަމަށް މަސައްކަތް ކުރުމުގެ ތެރެއިން ނިޒާމުތައް ހަރުދަނާކޮށް ދިވެހިންނަށް ހެޔޮ އަގުގައި ސިއްޚަތައް ފައިދާހުރި ކާނާ ލިބޭނެކަން ކަށަވަރުކުރެވޭނެ ކަމަށެވެ. އަދި ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް ދަނޑުވެރިންނާއި މަސްވެރިންނާއި އެފަރާތްތަކުގެ ޢާއިލާތައް ބާރުވެރިކޮށް އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ކޮންމެ ގޭބީސީއަކީ ސިއްޙަތައް ފައިދާހުރި ކާނާ ހެޔޮއަގުގައި ލިބޭ ގޭބީސީއެއްކަން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.