ޚަބަރު

ސައުދީ އިއްތިހާދުން މަދީނާ މަތިން ކްރޫޒް މިސައިލެއް ވައްޓާލައިފި


ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގައި އޮންނަ މަދީނާގެ މަތިން ކްރޫޒް މިސައިލެއް ދިފާޢުކޮށް ވައްޓައިލައިފިއެވެ. އެ ސަރަޙައްދަށް ހަމަލާދިނުމަށް ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ބޭނުންކުރި މިސައިލު ދިފާޢުކޮށްފައި ވަނީ ޔަމަނުގެ ސަރުކާރަށް ވާގިވެރިވާ ސަޢޫދީ ޢަރަބިއްޔާއިން އިސްވެ އުފައްދާފައިވާ އަސްކަރީ އިއްތިޙާދުންނެވެ. މި ކަން ހާމަކުރެއްވީ އެ އިއްތިޙާދުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރްކީ އަލް-މާލިކީއެވެ.

މި ހާދިސާ ހިނގާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ޕްރޮވިންސްގެ މަތިން ޑްރޯނެއް ނައްތާލިކަން އޮކްޓޫބަރު 15 ގައި އެ އިއްތިޙާދުން އިޢުލާނުކުރިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ. އަދި، އޭގެ އެއް ދުވަސް ކުރިން، ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ވެސް އިއްތިޙާދުން ވަނީ ދިފާޢުކޮށް، ވައްޓައިލާފައެވެ.

މަދީނާގެ މަތިން ނައްތާލި ކްރޫޒް މިސައިލް ފޮނުވާލީ ކޮން ބައެއްކަމެއް، އަދި އޭގެ އަމާޒަކީ ކޮބައިކަމެއް އިއްތިޙާދުން ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އަދި، މި ކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަން ނުވަތަ ތަނަކަށް ގެއްލުމެއް ލިބުނު ކަން ވެސް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި ހަމަލާ ދީފައި މި ވަނީ، ޙޫޘީންގެ ފަރާތުން ސަޢޫދީ ޢަރަބިއްޔާގެ އެއާޕޯޓުތަކާއި ހަކަތައިގެ ސިނާއަތުގެ ބިނާރާއި ވަސީލަތްތަކަށް އަމާޒުކޮށް ދޭ މިސައިލް އަދި ޑްރޯން ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން، ސެޕްޓެންބަރ 29 ވަނަ ދުވަހު މަދީނާގައި ހުންނަ ޠައިބާ އިންޖީނުގެއަށް ޑްރޯން ހަމަލާއެއް ދީފައިވާކަމުގެ ތުހުމަތު އިއްތިޙާދުން ވަނީ ޙޫޘީންގެ މައްޗަށް ކޮށްފައެވެ. އަލް-މާލިކީ ވިދާޅުވީ، އެ ހަމަލާގެ ސަބަބުން ޓްރާންސްފޯމަރަކަށް ގެއްލުންވެ ބޭނުންނުކުރެވޭ ވަރު ވި ނަމަވެސް، ކަރަންޓުގެ ޚިދުމަތަށް މެދުކެނޑުމެއް އައިސްފައި ނުވާ ކަމުގައެވެ.

އެ މަރުކަޒަކީ އިސްލާމްދީނުގެ އެންމެ މުޤައްދަސް އެއް ބިނާ ކަމުގައިވާ މަސްޖިދުންނަބަވީއަށް ކަރަންޓު ފޯރުކޮށްދޭ މަރުކަޒެވެ. ޔަމަނުގެ ވެރިރަށް ޞަންޢާ އަދި އެހެނިހެން ބައެއް ސަރަޙައްދުތައް 2014 ވަނަ އަހަރު ޙޫޘީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެން، ޔަމަނުގެ ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިޙާދުން ޙަރަކާތްތެރިވާން ފެށީ 2015 ވަނަ އަހަރުއެވެ.