ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު އިރާޤަށް


  • ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ވަކާލާތުކުރާނެ

  • ބައްދަލުވުމުގައި ހުށަހެޅޭ ބިނާކުރަނިވި ޤަރާރުތަކަށް ރާއްޖެއިން ތާއީދުކުރާނެ

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ 52 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް އިރާޤަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގެ މައިގަނޑު އެޖެންޑާގައި ހިމެނެނީ ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ވަކާލާތުކުރުމާއި، މެންބަރު ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމެވެ.

މި ސެޝަންގައި ފަލަސްޠީނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ހުރިހާ މެންބަރު ޤައުމުތަކުން ގޮވާލުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙިމާޔަތުގައި އެޅެންހުރި ފިޔަވަޅުތައް ކުރިއަށްވުރެ ހަރުދަނާކޮށް ތަންފީޒީ ޕްލޭނަކަށް ޢަމަލުކުރުމަށް ބާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.



މީގެއިތުރުން، ހަނގުރާމަތަކުގެ ސަބަބުން އިސްލާމީ ޤައުމުތަކަށް ދިމާވާ އިޤްތިޞާދީ ގޮންޖެހުންތަކާއި، ކާބޯތަކެއްޗާއި އަސާސީ މުދާ ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލު ހޯދުމަށް މަޝްވަރާކުރުމަށް ވަނީ އެޖެންޑާކޮށްފައެވެ. އަދި ދަނޑުވެރިކަމާއި، ޓެކްނޮލޮޖީ، ޑިޖިޓަލައިޒޭޝަން، ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާތަކުން މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ބާރުއަޅާނެއެވެ.

ރާއްޖެއިން އޯއައިސީގެ މެންބަރެއްގެ ގޮތުގައި 50 އަހަރު ފުރިހަމަކޮށްފައިވާއިރު، މި ދަތުރުފުޅުގެ ހަވާސާގައި ބައްދަލުވުން ބާއްވާ ޤައުމު ކަމަށްވާ އިރާޤުގެ ޚާރިޖީ ވަޒީރުގެ އިތުރުން އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާވެސް ރާއްޖޭގެ ފަރާތުން ބައްދަލުކުރައްވައި ދޭދޭ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.