ޚަބަރު

ޝެންހާއީ މާސްޓަރސްގެ ސެމީ ފައިނަލުން ޒުވަރޭވް ޖާގަހޯފައިފި


  • ޒުވަރޭވް ސެމީ ފައިނަލުން ޖާގަހޯދީ ޑި މިނޯ ސީދާ ދެސެޓުން ބަލިކޮށްގެން

ޗައިނާގައި މިހާރު ކުރިއަށްދާ ޝަންހާއީ މާސްޓަރސް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަވިވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ޒުވަރޭވް ޖާގަހޯދީ ކުއާޓަރ ފައިނަލްގައި 9 ވަނައަށް ސީޑު ކުރެވިފައިވާ އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯ އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ދެ ސެޓު ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ. ދުނިޔޭގައި ދެވަނަ ރޭންކް ކުރެވިފައިވާ ޒުވަރެވް މިމެޗު ކާމިޔާބު ކޮށްފައިވަނީ 78 މިނެޓުންނެވެ. ޝެންހާއީ މާސްޓަރސްގެ ފައިނަލްގައި ޒުވަރޭވް ވަނީ މީގެ ކުރިން އެއް ފަހަރު ވާދަކޮށްފައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ މުބާރާތުގައި ޒުވަރޭވް ވަނީ ފައިނަލްގައި ރަޝިއާގެ ޑަނީލް މެޑްވެޑޭވް އަތުން ބަލިވެފައެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގައި ޒުވަރޭވް ބައްދަލުކުރާނީ ސްޕެއިންގެ އަލެހަންޑްރޯ ޑެވިޑޮވިޗް ފޮކީނާ އާއެވެ. އޭނާއަށް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ވެގެންދިޔައީ ކުއާޓަރ ފައިނަލްގައި ފަރަންސޭސިވިލާތުގެ އަރތަރ ގެއާ އާއި ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓުގައި ގެއާއަށް އަނިޔާވެގެން މެޗު ހުއްޓާލަން ޖެހުމުންނެވެ. މެޗު ހުއްޓާލިއިރު ފޮކީނާ އޮތީ ހަތަރެއް އެކަކުން ކުރީގައެވެ. މިއީ މިމުބާރާތުގައި 25 ވަނައަށް ސީޑު ކުރެވިފައިވާ ފޮކީނާއަށް އޭޓީޕީ ވަންތައުޒަންޑްގެ މުބާރާތެއްގެ ސެމީ ފައިނަލުން ޖާގަހޯދުނު ހަތަރު ވަނަ ފަހަރެވެ. ޒުވަރޭވް އާއި ފޮކީނާ މީގެކުރިން 7 ފަހަރު ބައްދަލުކޮށްފައިވާއިރު 6 ފަހަރު ވަނީ ޒުވަރޭވް މެޗު ކާމިޔާބު ކޮށްފައެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރާ އަނެއް ދެ ކުޅުންތެރިން އެނގިގެން ދާނީ މިއަދު ކުޅޭ ކުއާޓަރ ފައިނަލްގެ ފަހު ދެމެޗާއެކުއެވެ. މިގޮތުން 5 ވަނައަށް ސީޑު ކުރެވިފައިވާ މެޑްވެޑޭވް އާއި 15 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޮމީ ޕޯލް ކުއާޓަރ ފައިނަލްގެ އެއް މެޗުގައި ވާދަކުރާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ 12 ވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ ރަފައެލް ހޯޑާ އާއި 20 ވަނައަށް ސީޑު ކުރެވިފައިވާ ނޯވޭގެ ކެސްޕަރ ރޫޑްއެވެ.