ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަ ފަނޑިޔާރު މެމްބަރަކު ޢައްޔަން ކުރައްވާ ގޮތަށް ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާ އުވާލައްވަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ޢަލީ ޝާހު ހުށަހެޅުއްވި އިޞްލާޙްގައި ވަނީ ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެމްބަރުންގެ ގޮތުގައި ޤާނޫނުގައި މިހާރު ބަޔާންކުރައްވާފައިވަނީ ދެ މެމްބަރުން ކަމަށާއި އެހެންކަމުން އެ މާއްދާއަށްވެސް އިޞްލާޙް ހުށަހަޅުއްވާ ކަމަށެވެ.
އެމާއްދާއަށް ޝާހު ހުށަހެޅުއްވި އިޞްލާޙްގައި ވަނީ ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ތިން މެމްބަރަކު ޢައްޔަންކުރައްވަން ވާނެ ކަމަށެވެ.
ޝާހް ވަނީ އެ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާ ޤައުމީ ޔުނިވަރސިޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ގޮތަށް އޮތް މާއްދާއަށްވެސް އިޞްލާޙު ހުށަހަޅުއްވާފައެވެ. އެގޮތުން ހުށަހެޅުއްވި އިޞްލާޙްގައި ވަނީ ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޤައުމީ ޔުނިވަރސިޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެމްބަރަކަށް މަޖިލީހުގެ ރުހުން ހޯއްދަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގައި އިސްލާމިކް މިނިސްޓަރުގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީންވެސް އެއް މެމްބަރަކު އައްޔަންކުރައްވަން ޖެހިވަޑައިގަންނަވައެވެ.