ރ. ފުއްގިރީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މައްޗަށް ކުރާ ދައުވާގެ ޙުކުމް އިއްވުން މި މަހު ފަހުކޮޅަށް ތާވަލުކޮށްފިއެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިއަދުއެވެ. ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވީ މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ 11:00ގައިކަމަށެވެ.
މިއަދު އޮތީ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ. ކުރީގެ ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރެއްވީ އެ މަނިކުފާނުގެ މައްޗަށް ކުރާ ދަޢުވާގެ އަސާސެއް ނެތްކަމަށެވެ. އަދި އެ މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކި ބަހުގެ ސައްޙަކަމާމެދު ސުވާލު އުފައްދަވާފައިވެއެވެ.
ފުއްގިރި ޚިޔާނާތުގެމައްސަލައިގައި ދަޢުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގްގެ ކުށުގެ ދައުވާއާއި، ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ. ކުރީގެ ރައީސް ޔާމީގެ ދިފާއަކީ މި މައްސަލައިގައި ހިމެނޭ ފައިސާއަކީ ޑޮލަރު މާރުކޮށްގެން ލިބުނު ފައިސާކަމަށެވެ. ނަމަވެސް ދައުލަތުން ފާހަގަކުރައްވާ ގޮތުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުންނަވާ، ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން ނުފޫޒު ފޯރުވައިގެން ހޯއްދަވާފައިވާ ފައިސާއެވެ. އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަނަކީ އެ މަނިކުފާނު އަންގަވައިގެން ކުރައްވާފައިވާ ކަންކަމަށް ދަޢުލަތުން ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ޑޮލަރ މާރުކުރި ފައިސާކަމަށް ވިދާޅުވާއިރު، އެ ފައިސާއަށްވާ ދިވެހި ފައިސާ ކޮބައިތޯ ދައުލަތުން ވަނީ ސުވާލު އުފައްދަވާފައެވެ. ދަޢުލަތުން އެދިވަޑައިގަންނަވާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ޑޮލަރު މާރުކުރުމުގެ ދިފާއު ބަލައިނުގަތުމަށެވެ.