ގައުމީ ފުޓްސަލް ޓީމުން ޗައިނާގެ އިންވިޓޭޝަނަލް މުބާރާތައް ނުކުންނާނީ ޗެމްޕިއަންކަން ހޯދަން ކަމަށް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިޔާޒް ބުނެފިއެވެ.
މި އަހަރު ކުރީކޮޅު ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދިޔަ، ސާފް ފުޓްސަލް ޗެލެންޖަށްފަހު ރާއްޖެއިން ބައިނަލްއަގްވާމީ ފުޓްސަލް މުބާރާތަކަށް ނުކުންނަ މިއީ ފުރަތަމަ ފަހަރެވެ.
"ޕީއެސްއެމް ނިއުސް"އާ ވާހަކަދައްކަމުން ކޯޗު ނިޔާޒް ބުނީ، ސާފް ނިންމުމަށްފަހު ފުޓްސަލް ޓީމުން މުބާރާތެއްގެ އިންތިޒާރުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި މިފުރުސަތު ލިބުމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްއަށް ނިޔާ ވަނީ ޝުކުރުއަދާކޮށްފައެވެ.
ނިޔާ ބުނީ ރާއްޖޭން ޗައިނާ މުބާރާތައް ނުކުންނައިރު، މައިގަނޑު ގޮތެއްގައި ޓީމުގައި ތިބީ ސާފް ކުޅުނު ކުޅުންތެރިން ކަމަށެވެ. އެކަމަކު ސާފްގެ ސްކޮޑުގައި ނުހިމެނުނު ބައެއް ކުޅުންތެރިންވެސް ޓީމުގައި ތިބިކަން ނިޔާ ފާހަގަކުރިއެވެ.
ނިޔާ ބުނީ ރާއްޖޭގެ ފުޓްސަލް ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ކުރިއަށްދާ އޭއެފްސީ ކޮލިފިކޭޝަން ކަމަށެވެ. އަދި ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރި އޭޝިއަން ފުޓްސަލް ކަޕަށް ކޮލިފައިވުން އެއީ ރާއްޖޭގެ ފުޓްސަލް އަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން ނިޔާ ފާހަގަކުރިއެވެ.
ނިޔާޒް ބުނީ ރާއްޖޭގެ ޓީމުން މުބާރާތައް ނުކުންނައިރު، ރާއްޖޭގައި އެކަށީގެންވާ ވަސީލަތް ނެތުމަކީ އުޒުރެއް ނޫން ކަމަށެވެ. އަދި ރާއްޖެއިން ސާފް މުބާރާތް ކާމިޔާބުކުރީ ވަސީލަތްނެތިކަން ނިޔާޒް ފާހަގަކުރިއެވެ.
ނިޔާ ބުނީ ޗައިނާ މުބާރާތައް ރާއްޖެއިން ނުކުންނައިރު މުބާރާތުގައި ތިބި ޓީމުތަކަކީ ވަރުގަދަ ޓީމުތަކެއް ކަމަށެވެ. އެކަމަކު އެއީ ބަލި ނުކުރެވޭނެ ޓީމުތަކެއް ނޫން ކަމަށާއި، ރާއްޖެއިން މި މުބާރާތައް ނުކުންނާނީ ޗެމްޕިއަންކަން ހޯދަން ކަމަށެވެ.
މި މުބާރާތުގައި ވާދަކުރާނީ ހަތަރު ޤައުމެވެ އެއީ ހޯސްޓު ޗައިނާ، ދިވެހިރާއްޖެ، ސައުތު ކޮރެއާ އަދި ހޮންގް ކޮންގެވެ. އޭގެ ތެރެއިން ކޮރެއާއާ ޗައިނާއަކީ ފީފާ ރޭންކިންގައި ރާއްޖެއަށްވުރެ މަތިން ރޭންކުކުރެވިފައިވާ ދެ ގައުމެވެ.