ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަޙައްދުތަކުގައި ޔަހޫދީ ސަލާމަތީ ބާރުތަކުން ޖަހަމުންދާ ރޭޑުތަކުގައި ފަލަސްޠީނުގެ 30 ރައްޔިތުން ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ޔަހޫދީ ސިފައިން ގިނަ ޢަދަދެއްގެ މީހުން ހައްޔަރު ކުރަމުން ދަަނީ ނަބްލުސް ޕްރޮވިންސުގެ އުތުރުގެ ސަރަޙައްދުތަކުގައެވެ. އެ ގޮތުން ތިލް ކިޔައި އަވަށަކުން 15 މީހުން ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އާސިރާ އަލް-ޝަމާލިޔާއިން 12 މީހުން ވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން ތަލްފީތުގައި ވެސް މީހަކު ހައްޔަރުކޮށްފައިވެެއެވެ. އަދި ޠޫބާސްއާއި އަލްޚަލީލްގައި ވެސް މީހަކު ހައްޔަރުކޮށްފައިވެއެވެ.
ފަލަސްޠީނުގެ ޕްރިޒަނާސް މީޑިޔާ އޮފީހުން ބުނީ އާސިރާ އަލް-ޝަމާލިޔާގައި ޔަހޫދީ ބާރުތަކުން ޢާންމުންގެ ގެތަކަށް ވަދެގަނެ ގެތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެއް ގެއަކީ ޔަހޫދީ ސިފައިން ޢާންމުންނަށް ސުވާލުކުރުމަށް ހާޒިރުކުރާ މަރުކަޒަކަށް ހަދާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
ޔަހޫދީ ބާރުތަކުން ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވަމުންދާއިރު، ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ޔަހޫދީ ވަޒަންވެރިން ވެސް ދަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ހަމަލާތައް އަމާޒު ކުރަމުންނެވެ. ޔަހޫދީ ވަޒަންވެރިންތަކެއް ވަނީ ނަބްލުސް ކައިރީ ސަރަޙައްދެއްގައި ފަލަސްޠީނުގެ ޢާއިލާތަކަށް ހަމަލާދީ ގިނަ ޢަދަދެއްގެ މީހުން ޒަޚަމްކޮށްލައިފައެވެ.
ޔަހޫދީ ވަޒަންވެރިން އެ ޢާއިލާއަށް ހަމަލާ ދީފައި ވަނީ ޔަހޫދީ ސިފައިން ކަމަށް ހެދިގެން، ސިފައިންގެ ޔުނީފޯމު އަޅައިގެން ތިބެއެވެ. އެ މީހުން ވަނީ ފަލަސްޠީނުގެ ރައްޔިތެއް ކަމަށްވާ ޔޫސުފް މުނައްވަރު އަބޫ ޢާއިޝާގެ ގެއަށް ގޮސް ދޮރުގައި ޓަކިތަޅައި، އޭނާއާއި އޭނާގެ ޢާއިލާގެ މެންބަރުންނަށް ހަމަލާދީ އަނިޔާކޮށްފައެވެ. އެ ޢާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކަށް ބޮޑެތި ޒަޚަމްތައް ވެފައިވާއިރު، ފަރުވާ ދިނުމަށް ވަނީ ހަސްފަތާލަށް ގެންގޮސްފައެވެ. ޔޫސުފް މުނައްވަރު އަބޫ ޢާއިޝާގެ ގޭގެ އިތުރުން ފަލަސްޠީނުގެ އެހެން ރައްޔިތުންގެ ގެތަކަށް ވެސް ޔަހޫދީ ވަޒަންވެރިން ހަމަލާ ދީފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ބާރުތަކުން ވަނީ އައްޟާޙިޔާ އަވަށުގެ 80އަށް ވުރެ ގިނަ ގެ ވެސް ސުންނާފަތިކޮށްލައިފައެވެ. އޭގެ ސަބަބުން 380އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ހިޔާވަހިކަމުން މަހުރޫމުވެފައެވެ. އޭގެ ތެރޭގައި 200 ދަރިވަރުން ވެސް ހިމެނެއެވެ. ބެލެވޭ ގޮތުގައި އެ ގެތައް ސުންނާފަތިކޮށްލާފައި ވަނީ ޔަހޫދީންގެ ނިރުބަވެރި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާ ބެން-ގަވީރު، ކުރިއަށް އޮތް ޔަހޫދީންގެ އިންތިޚާބާ ދިމާކޮށް ކުރަމުންދާ ކެންޕޭނުގެ ބައެއްގެ ގޮތުގައެވެ.