ޚަބަރު

ގައްދޫއަށް ދިމާވި މައިގަނޑު މައްސަލައަކީ "ޕެނިކު" ވުން: ކޯޗު ނަޒީޙް


  • އޮޑި އަތުން ގައްދޫ ބަލިވީ 0-4 އިން

  • މިއީ ލީގުގައި ގައްދޫގެ ހަތަރުވަނަ ބަލި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން ބަލިވުމުގެ މައިގަނޑު ސަބަބަކީ ކުޅުންތެރިން ޕެނިކުވުންކަމަށް ގައްދޫ ރެކްރިއޭޝަން ކުލަބުގެ ކޯޗު މުޙައްމަދު ނަޒީޙް ބުނެފިއެވެ.

ލީގުގައި ގައްދޫއިން މާލޭގައި ކުޅުނު ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ އޮޑި އަތުން ބަލިވީ 0-4ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އޮޑިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. އަދި ފުރަތަމަ ދެލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ 16 މިނެޓުގެ ތެރޭގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ނަޒީހު ބުނީ، މެޗު ފަށައިގެން ފުރަތަމަ ކޮޅުގައި އޮޑީގެ ކުޅުންތެރިން ވަރަށް ބޮޑަށް ދަނޑުމަތީގައި ހަރަކާތްތެރިވެ އެޓޭކުތަކެއް ކުރަން ފެށުމުން ގައްދޫގެ ކުޅުންތެރިން ވަރަށް ބޮޑަށް ޕެނިކުވި ކަމަށެވެ. އަދި މިއީ މެޗުގައި އެޓީމަށް ދިމާވި މައިގަނޑު މައްސަލަކަމަށާއި، އެކަން މެޗުތެރެއިން ހައްލުވުމުން، ދެވަނަ ހާފުގައި ތަފާތު ކުޅުމެއް ޓީމުގެ ފަރާތުން ފެނިގެންދިޔަކަމަށް ނަޒީޙް ބުންޏެވެ.

"ފުރަތަމަ ހާފުގައި ހަމަ (އޮޑީގެ ކުޅުންތެރިން) ދުއްވައިގަތީމަ، ޕެނަޓްރޭޓިންގް ރަންތަކެއް ނެގީމަ އަސްލު ދިމާވި ގޮތަކީ ޕެނިކުވީ. އެއީ ދިމާވި ގޮތަކީ. ހަމަ ފަހު ހާފުގައި، 45 މިނެޓު މިކުޅުނީ، އެންމެ ގޯލެއް (އޮޑިއަށް) ޖެހުނީ. (ގައްދޫ) 10 މީހުން ލައިގެން. މީގަ ކޮންފިޑެންސާއެކީ ކުޅެން މަސައްކަތްކޮށްފިއްޔާ ޕްލަސް އެދޭ އިންސްޓްރަކްޝަންސް، ސްޓްރެޓެޖީއަށް ވޯކް ކޮށްގެން ވާނީ. ޕްލެޔަރުން އަމިއްލަ ކަންތައްތަކެއް ކުރަން ވެއްޖެއްޔާމު މީގަ ތަފާތު ހުންނާނެ". ނަޒީޙް ބުންޏެވެ.

10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ގައްދޫ ކޮޅަށް މެޗުގެ ދެވަނަ ހާފުގައި އޮޑި ސްޕޯޓްސް ކުލަބަށް ޖެހުނީ އެންމެ ލަނޑެއްކަން ނަޒީޙް ފާހަގަކުރިއިރު، މެޗުގެ 26 ވަނަ މިނެޓުގައި ގައްދޫގެ ބިދޭސީ ފޯވާޑު ޖެމޮވިކް އުރޯޒް އަށް ރެފްރީ ވަނީ ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. ރެފްރީ އޭނާއަށް ރަތްކާޑު ދެއްކީ، ބޯޅަ ނެތިން އޮޑީގޭ ފާރޫގަށް ހަމަލާ ދިނުމާ ގުޅިގެންނެވެ.

ނަޒީޙް ވަނީ، އޮޑިއާއި ގައްދޫއަކީ އަޅާކިޔޭނެ ދެ ޓީމެއް ނޫންކަން ފާހަގަކޮށްފައެވެ. އެގޮތުން އޮޑި ސްޕޯޓްސް ކުލަބަކީ ދިވެހި ލީގުގެ ޓައިޓަލް ހޯދަން ޓީމެއް އެކުލަވާލައިގެން މަސައްކަތްކުރަމުންދާ ޓީމެއް ކަމަށާއި ގައްދޫއަކީ ޒޯން ޗެމްޕިއަންޝިޕަށް އެކުލަވާލި ޓީމެއްކަމަށް އޭނާ ބުންޏެވެ. އެގޮތުން އޮޑީގެ ބެންޗުން މެޗުގައި ކުޅެން އަރަން ހުރި ކޮންމެ ކުޅުންތެރިއަކީ ވެސް، އުމުރުފުރައިގެ ވެސް އަދި ސީނިއަރ ޤައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިން ނުވަތަ އެ ފެންވަރުގެ ކުޅުްނތެރިންކަމަށް ނަޒީޙް ބުންޏެވެ.

މި ސީޒަނުގައި ގައްދޫއިން ކަނޑައެޅި ޓާގެޓަކީ ފުރަތަމަ ޑިވިޝަނުގައި ދެމި އޮތުން ކަމަށާއި، އަދިވެސް އެއީ ހާސިލްވާނެ ޓާގެޓެއްކަމަށް ގަބޫލުކުރާކަމަށް ނަޒީހު ބުންޏެވެ. މިހާތަނަށް ކުޅުނު ޓީމުތަކަށްވުރެ، ވިކްޓްރީ އަދި މާޒިޔާ ފިޔަވައި ދެން ގައްދޫއިން ކުޅެން ހުރި ޓީމުތަކަކީ ގައްދޫއަށް ޗެލެންޖުކުރެވޭނެ ވަރުގެ ޓީމުތަކެއްކަމަށް ގަބޫލުކުރާކަމަށް ނަޒީޙް ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ގައްދޫ ބަލިވެފައިވާއިރު އެޓީމުން ލީގުގެ ފުރަތަމަ ތިން މެޗު ކުޅުނީ އަމިއްލަ ފަސްގަނޑުގައެވެ. ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށްކުޅެ 0-2 އިން ގައްދޫ ބަލިވިއިރު ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ބަލިވީ 2-4 އިންނެވެ. އަދި ތިންވަނަ މެޗުގައި ކްލަބް އީގަލްސް އަތުން ބަލިވީ 0-2 އިންނެވެ.

ލީގު ތާވަލުގައި ގައްދޫ އޮތީ ޕޮއިންޓެއް ނުލިބި، ބައިކޮޅަށް ވަދެފައިވާ 11 ލަނޑާއެކު ތާވަލުގެ ފުލުގައެވެ.