ކުރިއަށް އޮތް ރަމަޟާން މަހުގެ ޢުމްރާއަށް ޚާއްޞަކޮށްގެން އައްޑޫ ސިޓީ ގަމުން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާއަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.
މިއީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އިންތިޒާމުކުރާ ޚާއްޞަ ދަތުރެއްކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، ރަމަޟާން މަހުގެ ފަހު 15 އަށް ޚާއްޞަކޮށްގެން ބާއްވާ މި ފްލައިޓުގެ ދަތުރު އޮންނާނީ ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށެވެ. ރަމަޟާން މަހުގެ ފަހު 15 ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާއެވެ. މީގެ އިތުރުން މުޅި ރަމަޟާން ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުޞަތު ޙައްޖު ކޯޕަރޭޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މުޅި ރަމަޟާން ޢުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާއެވެ.
ޙައްޖު ކޯޕަރޭޝަނުން ވަނީ ރަމަޟާން ޢުމްރާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. އެގޮތުން ޢުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށްގެންނާއި، ކޯޕަރޭޝަންގެ ވެބްސައިޓް (hajj.mv) މެދުވެރިކޮށެވެ.
ޙައްޖު ކޯޕަރޭޝަނުން ވިދާޅުވީ، އެކޯޕަރޭޝަނުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ލުއިފަސޭހަ މާޙައުލެއް ޤާއިމުކޮށްދިނުމަށެވެ. ޢުމްރާ ދަތުރު ޕެކޭޖުތަކުގައި ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި:
• ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން ކްލިނިކްގެ ޚިދުމަތް
• ފާމަސީގެ ޚިދުމަތް
• ހިލޭ ވެކްސިން ޖަހައިދިނުން
• މަދީނާއަށް ދަތުރުކުރުމަށް ހައިސްޕީޑް ރޭލުގެ ޚިދުމަތް
• މަދީނާގައި 3 ރޭ ހޭދަކުރުން
• ދިވެހި ކެއުން
• ލޯންޑްރީ އަދި އިސްތިރިކުރުމުގެ ޚިދުމަތް
• ދީނީ ޢިލްމުވެރިންގެ ދަރުސްތަކާއި އަޅުކަމުގެ އިރުޝާދުދިނުން
• ޢުމްރާ ކިޓް
• ބަގީގެ ޚިދުމަތް
• ލޮކޭޝަން ޓްރެކިންގ ޑިވައިސް
ޙައްޖު ކޯޕަރޭޝަންގެ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި، ޖުލައި މަހާއި، ޑިސެމްބަރު މަހުގެ އިތުރުން ބަރަކާތްތެރި ރަމަޟާން މަހު އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ ޢުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުންކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.
މި ދަތުރުތައް މިގޮތަށް އިންތިޒާމުކުރުމަށް ފަހިވެފައިވަނީ، ޤައުމީ އެއަރލައިންއިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާގުޅިގެންކަމަށާއި، މިއީ މި ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ފުޅާކުރުމަށް ޙައްޖު ކޯޕަރޭޝަނަށް ލިބިގެންދިޔަ ބޮޑު ބާރެއްކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މިއީ ދެކުނުގެ ރައްޔިތުން މާލެ ދަތުރުކުރަން ނުޖެހި، ފަސޭހަކަމާއެކު ޢުމްރާގެ އަޅުކަމަށް، ދަތުރުކުރެވޭނެ މަގު ދެމެހެއްޓެނިވި ގޮތެއްގައި ފަހިކޮށްދިނުމަށް ޙައްޖު ކޯޕަރޭޝަނުން ނިންމި މުހިންމު ނިންމުމެއްކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ.