ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒިރު ޤީލާ ޢަލީ ފައްޓަވައިދެއްވައިފިއެވެ. ވަޒީރު ވަނީ މި ޚިދުމަތް ފައްޓަވާދެއްވާ އެތަން ބައްލަވާލައްވާފައެވެ.
މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ޚިދުމަތެއްކަމަށެވެ. އަދި މިއީ އެރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންޖެހިފައި އޮތް ޚިދުމަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ފިޒިއޯތެރަޕީގެ ޚިދުމަތް ތަޢާރަފްކުރުމަށް ނިންމެވި ރަށެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއީ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ފިޒިއޮތެރަޕީގެ ޚިދުމަތް ފެށި ފުރަތަމަ ރަށްކަމަށެވެ.
"އުމުރުން ދުވަސްވުމުން ދިމާވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ފިޒިއޮތެރަޕީއަކީ ބޭނުންތެރި ފަރުވާއެއް. މި ޚިދުމަތް ރަށުން ލިބެން ނެތުމުގެ ސަބަބުން މީގެ ކުރިން ކާށިދޫގެ ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ ކުޑަކަމެއް ނޫން. ދަތުރުފަތުރުގެ ދަތިކަމާ މާލެއަށް ކުރަން ޖެހޭ ބޮޑެތި ޚަރަދުތައް ކުރަން އުފުލަންޖެހުނު ބޮޑު ބުރައެއް. ނަމަވެސް ރަށުގައި މި ޚިދުމަތް ޤާއިމްކުރެވުމުން ދިއުމަކީ އެދަތިކަމަށް ލުޔެއް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް." ސިއްޙަތާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ޞިއްޙީ ވަޒީރު ވިދާޅުވީ، މިފަދަ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމަކީ މުޅި ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.
މި ޚިދުމަތުގެ ސަބަބުން އިސްރަށްވެހިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ ރަށުގައި އާޢީލާގެ ގާތުގައި ތިބެގެން ފަރުވާ ކުރިއަށްގެންދިޔުމުގެ މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޤީލާ ވަނީ ކާށިދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާ ޚިދުމަތް ދެމުންދާގޮތާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ހުރި ދަތިތައް އޮޅުންފިލުވާފައެވެ.
ކާށިދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރަށް ޚިދުމަތް ފޯރުކޮށްދޭ މަރުކަޒެކެވެ. ދުވާލެއްގެ މައްޗަށް 25 އާއި 30އާ ދެމެދުގެ މީހުންނަށް ފަރުވާދޭއިރު ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާދިނުމަށް 8 އެނދު ހުރެއެވެ.
މި ޞިއްޙީ މަރުކަޒުން ޑޮކްޓަރަށް ދެއްކުމާއި ލެބޯޓަރީގެ ޚިދުމަތުގެ އިތުރުން އީސީޖީގެ ޚިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި އެކްސްރޭގެ ޚިދުމަތާއި ސްކޭންގެ ޚިދުމަތް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.