ޚަބަރު

"އަމާޒަކީ އިސްރަށްވެހިންނަށް ފަހި، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުން"


  • ނަފުސާނީ ދުޅަހެޔޮ ކަމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ބަހާއެއްކަން ފާހަގަކުރެއްވި

  • އިސްރަށްވެހިންނަކީ ޤައުމުގެ އެންމެ ޢިއްޒަތްތެރި އަދި ގަދަރުކުރެވޭ ފަރާތްތައް

  • އިސްރަށްވެހިންގެ ރައްކާތެރިކަމާބެހޭ ހުރިހާ ދާއިރާއަކަށް ޚާއްސަ ފަރުވާއެއް ބަހައްޓަންޖެހޭ

ރާއްޖޭގެ ސިއްޙީ ދާއިރާ ދަތުރުކުރަމުންދަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ރާއްޖެއެއް ބިނާކުރުމުގެ އަމާޒަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ކާށިދޫގައި ކުރިއަށްގެންދާ އިސްރަށްވެހިންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ ނަފުސާނީ ދުޅަހެޔޮ ކަމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ބަހާއެއް ކަމަށާއި ވަކިން ޚާއްސަކޮށް އިސްރަށްވެހިންގެ ނަފުސާނީ އުފާވެރިކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި އިސްރަށްވެހިންނަކީ ޤައުމުގެ އެންމެ ޢިއްޒަތްތެރި އަދި ގަދަރުކުރެވޭ ފަރާތްތަައް ކަމަށާއި އެއީ ޤައުމު މި ހިސާބަށް ގެނައުމުގެ އެންމެ ބޮޑު ގުރުބާނީއެއްވެ ޤައުމު ބިނާކުރާނެ ޒުވާން ޖީލުތައް ބިނާކޮށް ޚިދުމަތުގެ މައިދާނަށް ހަދިޔާކުރި ފަރާތްތައް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ އިސްރަށްވެހިންނަކީ ޤައުމުގެ ހަރުދަނާ ތަނބުތައް ކަމަށާއި އެފަރަތާތްކަށް ކަމޭހިތުމަކީ އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން، އިސްރަށްވެހިންގެ ރައްކާތެރިކަމާބެހޭ ހުރިހާ ދާއިރާއަކަށް މުސްލިމުން ޚާއްސަ ފަރުވާއެއް ބަހައްޓަންޖެހޭކަމަށާއި ޚާއްސަކޮށް، އެ ފަރާތްތަކުގެ ނަފުސާނީ، ޖިސްމާނީ އަދި އިޖުމާޢީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނުތުންވުން ލިބިފައިވާ ދިވެހިރާއްޖެއެއް. އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ދިވެހިރާއްޖެއެއް. އިރާދާކުރެއްވީތީ ރާއްޖޭގެ ސިއްޙީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުންދަނީ މިއަމާޒަށް. ވަކި ޚާއްސަކޮށް އިސްރަށްވެހިންގެ މަރުކަޒުތައް މި ފާއިތުވި ދެތިން އަހަރު ތެރޭގައި މިދަނީ ހުޅުވެމުން. އެ މަރުކަޒުތަކުގައި މިހާރުވެސް އަގުހުރި އެތައް ހަރަކާތްތަކެއް އެބަ ހިންގޭ. އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ އެތައް ވަގުތުތަކެއް އެތަންތާގައި އެބަ ހޭދަކުރެވޭ. ކުރިއަށް އޮތްތާގައި އެ މަރުކަޒުތަކުގެ ދައުރު ފުޅާވެގެންދާނެކަން ޔަޤީން." ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އިސްރަށްވެހިންގެ ސައްލާފަދަ ބައްދަލުވުންތަކުގެ ސަބަބުން އިސްރަށްވެހިންނަށް ނަފުސާނީ ދުޅަހެޔޮ ކަމާގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބި މަޝްވަރާކޮށް، އެފަދަ ކަންކަމުން އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ޤާއިމުކުރާ އިސްރަށްވެހިންގެ މަރުކަޒުތަކާއެކު އެފަރާތްތަކުގެ އެކަނިވެރިކަން ފިލައި، ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލު އަންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކަފުޅު ނިންމަވާލެއްވީ އިސްރަށްވެހިންނަށް ނަފުސާނީ ހިތްހަމަޖެހުމާއި ރޫހާނީ އުފާވެރިކަމާއި ޖިސްމާނީ ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުންނެވެ.