މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެންް ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވިދާޅުވީ، މާލޭ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު 01:12 އެހާކަންހާއިރު ކަމަށެވެ.
މި ހާދިސާގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަނިޔާވެފައިވަނީ، 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ. މީގެ ތެރެއިން އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އަނިޔާވި ދެ ފިރިހެނުންނަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
މި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލު ދުއްވި 21 އަހަރުގެ މީހަކީ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫންކަމަށް ފުލުުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ، ތަހުގީގު ކުރަމުންނެވެ.