ޚަބަރު

މާލީ ކުރިއެރުންތަކަށް ތަޢުރީފްކޮށް، މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކޮށްފި


  • ސީއޭއޭ 2 އިން ސީއޭއޭ 1 އަށް އަށް މަތިކޮށް، "ސްޓޭބަލް އައުޓްލުކް" އެއް ވަނީ ދީފައި

  • ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށްފައިވޭ

މާލީ ހަމަޖެހުން ވަރުގަދަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ހަރުދަނާކަން ބަލައިގަނެ، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ، މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ 2 އިން ސީއޭއޭ 1 އަށް އަށް މަތިކޮށް، "ސްޓޭބަލް އައުޓްލުކް" އެއް ދީފިއެވެ.

މޫޑީސްއިން މިގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ އެދެވޭ ގޮތެއްގައި ފެންނަމުންދާތީއާއި، ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކުގެ އިތުރުން، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ދަރަނި ނުދެއްކިދާނެކަމަށް އޮތް ނުރައްކާ ބޮޑުތަނުން ކުޑަވެފައިވާތީއެވެ.

މޫޑީސްގެ ރޭޓިންގ މަތިވުމާއެކު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ބަޔާނެއްގައި ވާގޮތުން، މި ރޭޓިންގް މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މިއަހަރުގެ އޭޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް ދައްކައި ހަލާސްކުރުމާއި، 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ނިންމުމުގެ އިތުރުން، މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލްތައް ދައްކާފައިވުން ހިމެނެއެވެ. މީގެއިތުރުން، 100 މިލިޔަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުމަކީވެސް ކައިރި މުސްތަގުބަލުގައި ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވެގެންދިޔަ ކަމެއްކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަވުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާ އިތުރުވުމުގެ އިތުރުން، ބޭރުގެ މާލީ އިދާރާތަކުންނާއި އަވަށްޓެރި ގައުމުތަކުން މާލީ އެހީތެރިކަން ލިބުމުގައި އޮތް އިތުބާރު މޫޑީސް އިން ފާހަގަކޮށްފައިވެއެވެ. އަދި މި ކުރިއެރުންތައް ހާސިލުކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ހަރުދަނާކަން އެ އެޖެންސީން ގަބޫލުކުރާކަމަށްވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ.

2024 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަންފެށި ބޭރު ފައިސާއާ ގުޅޭ ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ހުރި ފައިސާ އިތުރުވެގެން ގޮސްފައިވާ ކަމަށްވެސް މޫޑީޒްއާ ހަވާލީދީ ފިނޭންސްއިން ހާމަކޮށްފައިވެއެވެ. މި ފިޔަވަޅުތަކާއި ބޭރުގެ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަ ކުޑަވުމުގެ ސަބަބުން، ރާއްޖޭގެ މާލީ ހާލަތު އިތުރަށް ދަމަހައްޓައިދޭނެ ކަމުގެ ޔަގީންކަން އެ ވުޒާރާއިން ވަނީ ދީފައެވެ.

މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ މާލީ ފުދުންތެރިކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ. އެގޮތުން، ވޯލްޑް ބޭންކުން 40 މިލިޔަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިޔަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިޔަން ޑޮލަރު ހިމެނޭހެން ޖުމްލަ 130 މިލިއަން ޑޮލަރުގެ އެހީ ސަރުކާރުން ވަނީ ހޯދާފައެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ނިޔަލަށް އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) 129.2 އިންސައްތައިގައި ހުރި ދައުލަތުގެ ދަރަނި، 2026 ޖުލައި މަހުގެ ނިޔަލަށް ވަނީ 122.6 އިންސައްތައަށް ދަށްވެފައެވެ. މިއީ ދަރަނި ދެއްކުމަށް ކުރެވުނު މަސައްކަތްތަކާއި، ގެންގުޅުނު ހަރުދަނާ ފިސްކަލް ސިޔާސަތުތަކުގެ ނަތީޖާކަމަށް ވުޒާރާއިން ހާމަކުރެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ސަމާލުކަން ދޭ ހާލު، ރައްޔިތުންގެ އަސާސީ ކަންކަން ރައްކާތެރިކުރުމަށާއި، އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވުމަށާއި، ދައުލަތުގެ ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް ސަރުކާރުން އެންމެ ސަމާލުކަން ދޭ އެއްކަންތައް ކަމުގައި މާލީ ވުޒާރާގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.