ލިބިފައިވާ އަނިޔާއިން އަދިވެސް މުޅިން ރަނގަޅު ނުވާތީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ރާއްޖޭގެ ޤައުމީ ޓީމުގެ ޒުވާން ތަރި މުޙައްމަދު އިލާން އިމްރާނަށް އަދިވެސް މާޒިޔާގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭކަމަށް އެޓީމުގެ ކޯޗު ތޯމަސް ޓުރުޗާ ބުނެފިއެވެ.
ފީފާ ވިންޑޯއަށްފަހު ދިވެހި ލީގުގެ ކުޅުން ހުކުރު ދުވަހު ފަށާއިރު، މާޒިޔާއިން ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލާންގެ އަނިޔާގެ ހާލަތާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެމުން ކޯޗު ޓްރުޗާ ބުނީ، އަނިޔާއިން ރަނގަޅުވެ، ފިޓްނަސް ރަނގަޅުކުރުމަށް ވެސް އިލާނަށް ފަރިތަކުރުންތަކުގައި އަދި ބައިވެރިވެވޭވަރު ނުވާ ކަމަށެވެ.
އިލާންގެ އެނބުރިއައުމުގައި އަދިވެސް ކުރިއަށްދަނީ މެޑިކަލް ޓީމުން ބަލަންޖެހޭ ކަންކަން ބެލުން ކަމަށާއި، އެކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ މެޑިކަލް ޓީމުން ކަމަށް ވެސް ޓްރުޗާ ބުންޏެވެ.
އަދި އަންނަ ހޯމަ ދުވަހުން ފެށިގެން އިލާން ފިޓްނަސްގެ ކަންކަން އަމިއްލައަށް ކުރިއަށް ގެންދެވޭނެކަމަށް އުއްމީދުކުރާކަމަށް ވެސް ކޯޗު ބުނެފައިވެއެވެ.
"އަދިވެސް ފިޓްނަސް ޕާޓް ނުފެށޭ. އަދިވެސް ހަމަ މެޑިކަލް ޓީމް އިންޗާޖަކީ އިލާންގެ ކޭސްގައި. އުއްމީދުކުރަނީ އަންނަ ހޯމަ ދުވަހުން ފެށިގެން އިލާން އަމިއްލައަށް ފިޓްނަސް ކުރިއަށް ގެންދަން ފެށޭނެކަމަށް. މަޑުމަޑުން އެކަމަކު. އުއްމީދުކުރީ އެކަމުން އިލާނަށް މިއަށްވުރެ އަވަހަށް އަރައިގަނެވި، ކުޅުމުގައި ބައިވެރިވެވޭނެކަމަށް". އިލާންގެ އަނިޔާގެ ހާލަތުގެ އަދާހަމަ ހިއްސާކޮށް މާޒިޔާގެ ކޯޗު ބުންޏެވެ.
ރާއްޖޭގެ ޒުވާން ޤައުމީ ޓީމުގެ ކެޕްޓަންގެ ގޮތުގައި ވެސް ހުރި އިލާނަށް އަނިޔާވެފައި ވަނީ އައު ސީޒަންގެ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގެ ތެރެއިންނެވެ. ސެޕްޓެމްބަރު 11 ވަނަ ދުވަހު އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް މާޒިޔާއިން ކުޅުނު އެ މެޗުގައި ފުރަތަމަ 11 ގައި ހިމެނިގެން އިލާން ނުކުތް ނަމަވެސް، މެޗުގެ 10ވަނަ މިނެޓުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ކޯޗު ޓްރުޗާ ވަނީ އިލާންގެ ބަދަލުގައި ބިދޭސީ ފޯވާޑް، ބެންޖަމިން ތޯމަސް ކުކޫ ކުޅެން އަރުވާފައެވެ.
ލިބިފައިވާ އަނިޔާގެ ސަބަބުން އިލާނަށް، މިފަހަރުގެ ފީފާ ވިންޑޯގައި ރާއްޖޭގެ ސީނިއަ ޤައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ ތިން މެޗަށް އެކުލަވާލި ސްކޮޑުން ވެސް ވަނީ ފުރުސަތު ގެއްލިފައެވެ.
ކުރިން ބެލެވިފައި އޮތީ 3-4 ހަފްތާގެ ތެރޭގައި އިލާނަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ކަމަށެވެ.