ޚަބަރު

މީރާގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރަކަށް 3 ބޭފުޅެއްގެ ނަން މަޖިލީހަށް


  • ނަންތައް ދިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށް

  • ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަޤާމު ހުސްވީ ޖުލައި މަހު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމަށް 3 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.

ޤާނޫނުގައިވާގޮތުން މީރާއަށް ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަން ކުރެވޭނީ އާންމުކޮށް ހުޅުވާލައިގެން ކުރިމަތިލާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންތައް ފޮނުއްވައި މަޖިލީހުން ރުހުން ދޭ ބޭފުޅެކެވެ.

މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި ފާތިމަތު އަމީޒާ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެއްވީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ.

ޑެޕިއުޓީ ޓެކްސް ކޮމިޝަނަރގެ މަޤާމަށް އިލާންކުރުމަށް އެ މަޤާމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން 3 ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް

• އަހުމަދު ޝަފްނީޒު ބަގީޗާގެ، ސ. ހުޅުދޫ
• އަހުމަދު މައުސޫމް ވ. މިޔަރެސް
• މަރިޔަމް ޖައިދާ ކަނޑުގަސްދޮށުގެ ކ. ދިއްފުށި

މި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަން ފާސްކުރާނީ ކޮމިޓީން 3 ބޭފުޅުންނާ އިންޓަވައިއުކޮށް، މާކްސް ދިނުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.