ޚަބަރު

އިތުރުގަޑީގައި މަސައްކަތްކުރާ އުސޫލަށް ބަދަލުތަކެއް ގެންނަނީ


އަންނަ އަހަރުގެ ތެރޭގައި އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަ ނުކުރައްވާނެ ކަމަށާއި އެހެން ނަމަވެސް އޮފީހުގެ ރަސްމީގަޑިއަށްވުރެ އިތުރަށް މުވައްޒަފުން މަސައްކަތް ކުރެވޭނެ އުސޫލުތައް ހަރުކަށި ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ޖަލްސާގައި ރިކަރަންޓް ޚަރަދު އެހާ ބޮޑަށް ކުޑަވެފައި ވާތީ ބައެއް މެންބަރުން ފާޅު ކުރެއްވި ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުންނެވެ. ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ދައުލަތުގެ ރިކަރަންޓް ޚަރަދު ގާތްގަނޑަކަށް 300 އިންސައްތަ ބޮޑުވެފައިކަމަށެވެ. މި ގޮތަށް ރިކަރަންޓް ޚަރަދު ބޮޑުވެގެންދިއުމަކީ ވިސްނާލަންޖެހޭކަމެއްކަމަށާއި ރާއްޖޭގެ އެކި ރަށްތަކަށް ގެންނަން ބޭނުންވާ ތަރައްޤީ ގެނެވޭނީ ރިކަރަންޓް ޚަރަދު ކުޑަކުރައްވައިގެންކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި މިއަހަރަށް ވުރެ ރިކަރަންޓް ހަރަދުން 2 ބިލިއަނެއްހާ ރުފިޔާ މަދުކުރައްވާ 13.6 ބިލިއަން ރުފިޔާއަށް ވަނީ ކުޑަކުރައްވާފައެވެ. ރިކަރަންޓް ޚަރަދަށް އެންމެ ބޮޑު ހޭދައެއް ހިނގާ، މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށް ކުރާ ޚަރަދުން ވަނީ 117.6 މިލިއަން ރުފިޔާ އުނިކުރައްވާ 6.8 ބިލިއަން ރުފިޔާއަށް އެ ޚަރަދު ކުޑަކުރައްވާފައެވެ.

އޮފީސް ހިންގުމުގެ ރިކަރަންޓް ހަރަދުން ވެސް އަންނަ އަހަރު މުއައްޒަފުންގެ މުސާރަކުޑަ ނުކުރައްވާނެކަމަށް ވިދާޅުވިނަމަވެސް މިނިސްޓަރ ވަނީ ޕަބްލިކް ސެކްޓަރގައި ރަނގަޅުކުރަންޖެހޭ ގިނަކަންތައްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިސްރާފު ކުޑަކޮށް އިދާރީ އިންތިޒާމްތައް ރަނގަޅުކޮށްގެން ރިކަރަންޓް ޚަރަދު ކުޑަކުރެވޭނެ ދާއިރާތަކަށް ބަޖެޓްގައި ވިސްނަވާފައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮންމެ ޚިދުމަތެއް ދިންކަމުގައިވިޔަސް ރަނގަޅު އިންތިޒާމްތަކެއް އެ ޚިދުމަތެއް ދިނުމުގައި ހުންނަންޖެހޭނެކަމަށް ވިދާޅުވިއެވެ. ޕަބްލިކް ސެކްޓަރ މިހާރަށްވުރެ ވަރަށް ބޮޑަށް ހަރުދަނާވާންޖެހޭކަމަށް ވިދާޅުވިއެވެ.

ބައެއް ދިރާސާތަކަށް ރިއާޔަތް ކުރައްވައި ފިނޭންސް މިނިސްޓަރ ވިދާޅުވީ ގިނަ އިރު މަސައްކަތް ކުރުމަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ދިރާސާތަކުން ދައްކާގޮތުން މުއައްޒަފަކަށް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނީ 6 ގަޑިއިރުކަމަށް ވިދާޅުވިއެވެ. އަދި ރަސްމީގަޑީގެ ފަހުން މަސައްކަތް ކުރެވޭ އުސޫލް ހަރުދާކުރެއްވި ނަމަވެސް  ނުރަސްމީ ގަޑީގައި ކޮންމެހެން މަސައްކަތް ކުރަން ޖެހިއްޖެނަމަ އުސޫލުތަކެއްގެ ތެރެއިން އެ ފައިސާ ވެސް މުވައްޒަފުންނަށް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރަސްމީގަޑީގެ ފަހުން މަސައްކަތް ނުކުރާގޮތަށް ހެދުމުން މުއައްޒަފުންނަށް އެހެން ވަޒީފާއެއް އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށާއި އަދި ކިޔަވަން ދާން ބޭނުންވާ މުއައްޒަފުންނަށްވެސް އެފުރުޞަތު އެއްވެސް ދަތިކަމެއް ނެތި ފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ އެހީގައި ޚިދުމަތްތަކަށް ހޭދަވާ މަރުޙަލާތައް ކުޑަކުރައްވައިގެން ސަރުކާރުގެ އިސްރާފު ކުޑަކުރެވޭނެ މިންގަނޑެއް ބަޖެޓްގައި ހިމަނުއްވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފަހަރު ރިކަރަންޓް ޚަރަދު އުނިކުރުމުގެ ސަބަބުން ސަރުކާރުގެ ޚިދުމަތުގެ ފެންވަރު އިތުރަށް ދަށްވެގެން ނުދާނެ ކަމުގެ ޔަޤީންކަންވެސް ފިނޭންސް މިނިސްޓަރ ދެއްވާފައިވެއެވެ.