ދިރާސީ އަދި ޢިލްމީ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި 5 ގްރާންޓް ސްކީމެއް ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިޢުލާންކޮށްފިއެވެ.
މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ރިސަރޗް އެންޑް ޕަބްލިކޭޝަންސްއިން މިއަހަރަށް ޚާއްސަކޮށްފައިވާ ގްރާންޓެކެވެ. މިގްރާންޓް ސްކީމްގެ ޖުމުލަ އަގަކީ 870،000 ރުފިޔާއެވެ.
އައިޔޫއެމްއިން ވިދާޅުވީ މިފަދަ ފަންޑްތައް ހުޅުވާލުމުގެ މައިގަނޑު މަޤްޞަދަކީ އެޔުނިވަރސިޓީގެ ދިރާސީ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢަށް ބޭނުންތެރި ދިރާސާތަކަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އަދި އެކަޑަމިކް މުވައްޒަފުންނާއި ދަރިވަރުންގެ ޢިލްމީ ތަޖުރިބާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަކީވެސް މި ސްކީމްގެ ބޭނުމެކެވެ.
އައިޔޫއެމްއިން އިޢުލާންކޮށްފައިވާ ގްރާންޓް ސްކީމްތަކަކީ އައިޔޫއެމް ރިސާރޗް ޕްރޮމޯޝަން ސްކީމް، އައިޔޫއެމް އިނޮވޭޝަން ސްކީމް، ފޮތް ޝާއިޢުކުރުމުގެ ފުރުސަތު، އައިޔޫއެމް ޕޯސްޓް ގްރެޖުއޭޓް ރިސާޗް ގްރާންޓް ސްކީމް އަދި އައިޔޫއެމް ކޮންފަރެންސް ޓްރެވަލް ގްރާންޓެވެ.
މިއީ މުޖުތަމަޢަށް ފައިދާކުރާނެ ޢިލްމާއި އައު ޚިޔާލުތައް އުފެއްދުމަށާއި ދިރާސާތައް ޝާއިޢުކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ދޭ ސްކީމެކެވެ. މިސްކީމަކީ 400,000 ރުފިޔާގެ ސްކީމެކެވެ. ކޮންމެ ގްރާންޓަކަށް އެންމެ ގިނަވެގެން ދޭނީ 75,000 ރުފިޔާއެވެ.
މިއީ ދިވެހި މުޖުތަމަޢަށް ހެޔޮ އަސަރުކުރުވާ ފަދަ އީޖާދީ އައު މަސައްކަތްތަކާއި އުފެއްދުންތަކަށް މަގުފަހިކޮށްދިނުމަށް ތަޢާރަފްކޮށްފައިވާ ސްކީމެކެވެ. މިސްކީމަށް ކަނޑައަޅާފައިވަނީ 200,000 ރުފިޔާއެވެ. ސްކީމަށް ފަންޑު ކުރެވޭނީ 2 ޕްރޮޖެކްޓަށެވެ.
މިއީ ޔުނިވަރސިޓީއަށް ބޭނުންވާ ފޮތްތައް ތައުލީފުކުރުމާއި، ތަޞްނީފުކުރުމާއި، ތަރުޖަމާކޮށް ޝާއިޢުކުރުމުގެ ސްކީމެކެވެ. މިސްކީމަކީ 100,000 ރުފިޔާގެ ސްކީމެއް ކަމަށާއި ފޮތަކަށް ދޭނީ 10,000 އާއި 40,000 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.
މިއީ ރިސާޗް މޯޑުގައި ކިޔަވަމުންދާ މާސްޓާރސް އަދި ޕީއެޗްޑީ ދަރިވަރުންގެ ދިރާސާތަކަށް އެހީތެރިވުމަށް ތަޢާރަފްކޮށްފައިވާ ސްކީމެކެވ. މިސްކީމަށް ކަނޑައަޅާފައިވަނީ 50,000 ރުފިޔާ ކަމަށާއި، ކޮންމެ ޕްރޮޖެކްޓަކަށް އެންމެ ގިނަވެގެން ދެވޭނީ 12,500 ރުފިޔާ ކަމަށް އައިޔޫއެމުން ވިދާޅުވެއެވެ.
މިއީ ޔުނިވަރސިޓީގެ މުވައްޒަފުން އެކި ކޮންފަރެންސްތަކުގައި ކަރުދާސް ހުށަހެޅުމަށާއި ޢިލްމީ ތަޖުރިބާ ހޯދުމަށް ފުރުޞަތު ދިނުމުގެ ގޮތުން ތަޢާރަފްކޮށްފައިވާ ސްކީމެއް ކަމަށާއި، މިސްކީމުގެ ދަށުން އެންމެ ގިނަވެގެން ކޮންފަރެންސަކަށް ދޭނީ 25,000 ރުފިޔާ ކަމަށްވެސް އައިޔޫއެމްއިން ވިދާޅުވެއެވެ.
މިގްރާންޓްތަކުގައި އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި އިސްލާމިކް ސްޓަޑީޒް، އިކޮނޮމިކްސް އެންޑް ފައިނޭންސް، ހިއުމަން ސައިންސް، ލޯ، ޢަރަބި ބަސް، ޓެކްނޮލޮޖީ، ލެންގުއެޖް އެންޑް ލިންގްއިސްޓިކް، އެޑިއުކޭޝަން އަދި ސަރުކާރުގެ ރިފޯމް ސިޔާސަތުތައް ހިމެނެއެވެ.
މި ގްރާންޓްތަކަށް އެޕްލިކޭޝަން ހުށަހަޅަންޖެހެނީ ކަނޑައެޅިފައިވާ ގޫގުލް ފޯމުތައް މެދުވެރިކޮށެވެ. ޕްރޮޕޯސަލް ތައް ހުށަހެޅުމުގެ ފުރުޞަތު އަންނަ މަހުގެ 15 ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލާފައެވެ.