ޚަބަރު

ޑީސެލްގެ ދަތިކަން އަންނަ އަހަރުގެ ބޮޑު ބަޔަކަށް ދެމިގެންދާނެ


ދުނިޔޭގެ ހުރިހާ ސަރަޙައްދަކަށް ކުރިމަތިވެފައިވާ ޑީސެލްގެ ދަތިކަން މެދުއިރުމަތީގެ ހަނގުރާމައާއި ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން އަންނަ އަހަރާ ހަމައަށް ދެމި އޮތުން އެކަށީގެންވާ ކަމަށް ބެލެވިއްޖެއެވެ.

ހަނގުރާމަތަކުގެ ސަބަބުން ޑީސެލް ސަޕްލައިއަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާއިރު، އެތައް މިލިޔަން ތެޔޮ ފީފާއެއް ވަނީ މެދުއިރުމަތީގައިއާއި ރަޝިއާގައި ތާށިވެފައެވެ. އޭގެ ސަބަބުން ރައްކާކޮށްފައިހުރި ތެލުގެ ސްޓޮކް ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ވަނީ ރެކޯޑު މިންވަރަކަށް ދަށަށް ގޮސްފައެވެ. އެއާއެކު ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ތެޔޮ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ދަނޑުވެރިކަަމަށާއި މުދާ އުފެއްދުމާއި މުދާ އުފުލުމަށް ބުރޫއަރައި، އިޤްތިޞާދީ ޙަރަކާތްތައް ވަނީ މަޑުޖެހިފައެވެ.

އެމެރިކާގައި ޑީސެލް ގެލޮންއެއްގެ އަގު މި މަހު ވަނީ 6 ޑޮލަރަށް އަރައިފައެވެ. އޭގެ ސަބަބުން ދަނޑުވެރިންނާއި ޓްރަކް ދުއްވާ މީހުންނަށް ދަތިވެފައިވާއިރު، ކުރިމަތިވެފައިވާ ޙާލަތަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޮންނަ އެ ޤައުމުގެ މެދު ދައުރުގެ އިންތިޚާބުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ގޮންޖެހުންތައް ކުރިމަތިކުރުވާ ފަދަ ޙާލަތެކެވެ.

ތެލުގެ ސްޓޮކު ދަތިވެފައިވާ ކަމުގެ އެހެން އިޝާރާތްތައް ވެސް ދަނީ ފެންނަމުންނެވެ. ތެޔޮ ރައްކާކުރުމަށް ޖާގަ ދޫކުރުމުގެ އެއްބަަސްވުންތައް އާންމުކޮށް ހަދާ އުޅެނީ ހަ މަސް ދުވަހުގެ މުއްދަތަށެވެ. ނަމަވެސް އެމެރިކާގެ އުތުރުގެ ސަރަޙައްދުތަކުގައި ވިޔަފާރިވެރިންނާއި ރިފައިނަރުން ހަދާފައިވާ އެ ފަދަ އެއްބަސްވުންތައް އައު ކުރުމަށް ދަނީ ދެކޮޅު ހަދަމުންނެވެ. އެއީ ރައްކާކުރާނެ ތެލުގެ ސްޓޮކް ނެތުމުންނެވެ.

އެމެރިކާގެ އުތުރުގެ ސަރަޙައްދުތަކުގައިއާއި ކެރީބިއަން އައިލެންޑްސްގައި ކުރިއަށް އޮތް އޮކްޓޯބަރު މަހަށް ތެޔޮ ރައްކާކުރުމަށް ހުރި ހުސް ޖާގަ ވަނީ 13 މިލިޔަން ފީފާއަށް އިތުރުވެފައެވެ. ޖޫން މަހުގައި ހުސް ޖާގަ ހުރީ 11 މިލިޔަން ފީފާއަށްވާ ވަރަށެވެ.

ސެޕްޓެމްބަރު 11ވަނަ ދުވަހާ ހަމައަށް އެމެރިކާގައި ލިބެން ހުރި ތެލުގެ ޢަދަދު ވަނީ 107.9 މިލިޔަން ފީފާއަށް މަދުވެފައެވެ. އެއީ އަހަރުގެ މިހާތަނަށް ބަލާ ނަމަ 1982ވަނަ އަހަރު އެ ޢަދަދު ރެކޯޑު ކުރަން ފެށި ފަހުން އެންމެ ދަށަށް ގޮސްފައިވާ މިންވަރެވެ.

ރައްކާކޮށްފައިވާ ތެލުގެ ނިސްބަތް ދަށަށް ދިޔުމާއި ތެޔޮ ރަައްކާކުރުމަށް ހުސްވެފައިވާ ޖާގަ އިތުރުވުން ދައްކުވައިދެނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާއާ ހަމައަށް ވެސް ތެޔޮ ލިބޭ މިންވަރު އިތުރުވުން އެކަށީގެން ނުވާ ކަން ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން، އީއައިއޭއިން ވެސް ވަނީ އެމެރިކާގައި ހުރި ޑީސްލްގެ ސްޓޮކު 100 މިލިޔަން ފީފާއަށް ވުރެ ދަށަށް މި މަހުގެ ތެރޭގައި ދާނޭ ކަމަށް ބެލެވޭ ކަމަށާއި، 2027ގެ ބޮޑު ބައެއްގައި ވެސް އެ ޢަދަދު ދަށްކޮށް ހުންނާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.