ޣާޒީ ބިލްޑިންގ ހުރި ސަރަޙައްދުގައި ހަދާ ޕާކިން އޭރިއާގެ މަސައްކަތް ނިންމާ ހުކުރު ދުވަހު ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޣާޒީ ބިލްޑިންގއަކީ ސަރުކާރުގެ އޮފީސްތައް ހިންގުމަށް ބޭނުންކުރި އެންމެ ދުވަސްވީ އިމާރާތެވެ. އެ އިމާރާތް ބާވެ ތަޅާލާފަވަނީ 2023ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އެތަނުގެ ބިން ޕާކު ކުރުމަށް ބޭނުންކުރިއެވެ.
އެތަނުގައި ޕާކު އޭރިއާއަކާއި ޕާކިން ޒޯނެއް ތަރައްޤީކުރުމަށް ނިންމާ އެ މަސައްކަތް ފެށީ މިއަހަރުގެ މާރިޗު މަހުއެވެ. މި މަސައްކަތް ކުރިއަށްގެންދިޔައީ ބިނާރާބެހޭ ވުޒާރާގެ ޕަބްލިކް ވަރކްސްއިންނެވެ.
ބިނާރާ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ އެތަނުގައި 370އަށްވުރެ ގިނަ ސައިކަލު ޕާކުކުރެވޭ ޕާކިން ޒޯނެއް ހަދާފަވާކަމަށެވެ. އަދި އިށީންދެލައިގެން ތިބެވޭގޮތަށް، ކުޑަ ޕާކު އޭރިއާއެއްވެސް ހިމެނޭކަމަށެވެ.
ޣާޒީ ބިލްޑިންގ ހުރި ބިމުން ބައެއް، ފުލުހުންނާއި ސިފައިންގެ އުޅަނދުތައް ޕާކުކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.
ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ ސަރަޙައްދުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަސައްކަތްތައްކަމަށާއި ހުކުރު ދުވަހުގެ ނިޔަލަށް މަސައްކަތްތައް ނިންމާ، އެސަރަޙައްދު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ޒޯން ތަރައްޤީކުރުމުގެ މަސައްކަތް ނިމި، ޕާކު ކުރާ އޭރިއާތައް ކުރެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އެ ސަރަޙައްދަކީ ގިނަ އޮފީސްތަކެއް ހުރި ސަރަޙައްދަކަށްވުމާއި އަދި ފުރާ މީހުންވެސް ޕާކިންއަށް ބޭނުންވެފައިވާ ސަރަހައްދެކެވެ.
އަމީނީ މަގު އަލަށް ތަރައްޤީކުރި ސަރަޙައްދު ހުޅުވާލިއިރުވެސް 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ވަނީ ތަރައްޤީކޮށްފައެވެ.
އެ ސަރަޙައްދު ތަރުރީބުކޮށް، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ލުއިފަސޭހަކުރުމަށް އެކި ބަދަލުތައް ދަނީ ގެންނަމުންނެވެ. ޚާއްސަކޮށް، ދުއްވާ އުޅަނދުތައް އިންތިހާއަށް އިތުރުވަމުންދައިރު، އެކަމަށް ބޭނުންވާ ޕާކިން ތަރައްޤީކުރުމަށް ތަފާތު ޕްލޭންތައް ސަރުކާރުން ދަނީ ގެންގުޅެމުންނެވެ.
މީގެތެރެއިން 2 ޕާކިން ބިލްޑިންގ މާލޭގައި އެޅުމަށް ވަނީ ނިންމާފައެވެ. އެއީ ސޯސަންމަގުގައި ހުރި ޕާކިން ޒޯން އަދި ހީނާމާގެ ޕާކިން ޒޯން ބިމުގައި އަޅާ ޕާކިން ބިލްޑިންގްއެވެ.
މާލޭ ސަރަޙައްދުގެ ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިންގ ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެ އިމާރާތްތަކާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި 2 ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބޭނެއެވެ.