ޚަބަރު

ޔޫއެސް އޯޕަންގެ ކުއާޓަރ ފައިނަަލަށް ޒުވަރޭވް


  • އަންހެން ދެވަނަ ސީޑު ރިބާކިނާވެސް ވަނީ ކުއާޓަރ ފައިނަލުން ޖާގަހޯދައިފަ

އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސް އިވެންޓްގެ ކުއާޓަރ ފައިނަލުން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓަރ ފައިނަލް އިން ޒުވަރޭވް ޖާގަހޯދީ ހަތަރު ވަނަ ބުރުގައި އެކާވީސް ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ލޫސިއާނޯ ޑާޑެރީ އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިއީ ޖެހިޖެހިގެން ޒުވާރޭވް ދަންވަރު ކުޅުނު ހަތަރު ވަނަ މެޗެވެ. އަދި މީގެތެރެއިން ދެމެޗު ނިމިފައިވަނީ ފަސް ސެޓަށް ގޮސްގެންނެވެ. ނަމަވެސް މިމެޗުގައި ޒުވަރޭވް ފެނުނީ ވަރަށް ފޯރީގައި މެޗު ވީހާވެސް އަވަހަކަށް ނިންމާލެވޭތޯ މަސައްކަތް ކުރި ތަނެވެ. މިގޮތުން ފުރަތަމަ ދެ ސެޓު ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް ދެއަކުންނެވެ. މިމެޗުގެ ފަހު ސެޓުގައި ޑާޑެރީވެސް ވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ޓައި ބްރޭކަކަށް މިސެޓު ގެންގޮސްފައެވެ. ނަމަވެސް ޓައި ބްރޭކްގައި ޒުވަރޭވްވަނީ ހަތެއް ތިނަކުން ކުރި ހޯދައިފައެވެ. އަދި މިއާއެކު މިމެޗު ވެގެންދިޔައީ މިފަހަރުގެ މުބާރާތުގައި ދަންވަރު 12 ޖެހުމުގެ ކުރިން ދުވަހުގެ ކުޅުން ނިމުނު ފުރަތަމަ ރެއަށެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޒުވަރޭވްވަނީ މެޗަކަށް ފަހު މެޗެއްގައި އޭނާގެ ކުޅުން ރަނގަޅު ވަމުން އަންނަކަން ފާހަގަ ކޮށްފައެވެ. އަދި ތިންވަނަ ސެޓުގައި ޑާޑެރީގެ ފަރާތުން ކުރަމުންދިޔަ ބާރު ސާރވް ތަކަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. ޒުވަރޭވް ބުނީ އެހާ ބާރަށް ކޮންމެ ފަހަރަކު މުޅި ސެޓު ނިމެންދެން އެއްވެސް ކުޅުންތެރިޔަކު ސާރވް ކުރަނިކޮށް މީގެކުރިން ދިމާނުވާކަމަށާއި މިމެޗުން މޮޅުވެ ކުއާޓަރ ފައިނަލަށް ދެވުމުން އުފާކުރާ ކަމަށެވެ. ޔޫއެސް އޯޕަންގެ ކުއާޓަރ ފައިނަލުން ފަސް ވަނަ ފަހަރަށް ޖާގަހޯދި ޒުވަރޭވް އެމެޗުގައި ބައްދަލު ކުރާނީ ނެދަލަންޑްސްގެ ބޮޓިކް ވެން ޑި ޒަންޑްޝުލްޕް އާއެވެ.

މިމުބާރާތުގައި ކުޅުނު އެހެން ބައެއް މެޗު ތަކަށް ބަލާލާއިރު އަށާވީސް ވަނައަށް ސީޑު ކުރެވިފައިވާ ބެލްޖިއަމްގެ އެލެގްޒެންޑަރ ބްލޮކްސް އާއި ސައްވީސް ވަނައަށް ސީޑު ކުރެވިފައިވާ އާޖެންޓީނާގެ ފްރެންސިސްކޯ ސެރުންޑޮލޯ ބައްދަލުކުރި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ބްލޮކްސްއެވެ. މިމެޗުގައި ފުރަތަމަ ސެޓުގެ ތެރޭގައި ބްލޮކްސްއަށް އަނިޔާވެ އެކަމަށް ފަރުވާ ހޯދިތަން ފެނިގެން ދިޔަ ނަމަވެސް މިމެޗުގައި އޭނާގެ ކުޅުމަށް މާބޮޑު ބަދަލުތަކެއް އައި ތަނެއް ފެނިގެން ނުދިޔައެވެ. މިގޮތުން ފުރަތަމަ ސެޓު ހައެއް ތިނަކުން ބްލޮކްސް ކާމިޔާބު ކުރި އިރު ދެވަނަ ސެޓު ހަތަރެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނީ ސެރުންޑޮލޯއެވެ. ނަމަވެސް ފަހު ދެސެޓު ބްލޮކްސް ވަނީ ހަތެއް ފަހެއް އަދި ހަތެއް ފަހަކުން ކާމިޔާބު ކޮށް މިމުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ.

އަންހެނުންގެ ބަޔަށް ބަލާލާއިރު ދެވަނައަށް ސީޑު ކުރެވިފައިވާ އެލޭނާ ރިބާކިނާ އާއި ތޭރަ ވަނައަށް ސީޑު ކުރެވިފައިވާ ޖަޕާންގެ ނައޯމީ އޮސާކާ ބައްދަލު ކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ރިބާކިނާއެވެ. މިމެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއެކު ހައެއް އެކަކުން ރިބާކިނާ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ގެންދިޔައީ ހައެއް ހަތަރަކުންނެވެ. މިކާމިޔާބީ އާއެކު ރިބާކިނާ ކުއާޓަރ ފައިނަލްގައި ވާދަކުރާނީ ޗައިނާގެ ގިންވެން ޒެންގ އާއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލުން ޒެންގ ޖާގަހޯދީ ހަތަރު ވަނަ ބުރުގައި އަށް ވަނައަށް ސީޑު ކުރެވިފައިވާ ޕޯލަންޑްގެ އީގާ ޝިއާޓެކް އާއި ބައްދަލުކުރި މެޗު ހަތެއް ފަހެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.
މީގެއިތުރުން ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ރުމޭނިއާގެ ސޮރާނާ ސަރސްޓިއާ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށް ޕެގޫލާވެސް ވަނީ ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިމެޗުގެ ދެސެޓު އޭނާ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިން އަދި ހައެއް ހަތަރަކުންނެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލްގައި ޕެގޫލާ ވާދަކުރާނީ ރަޝިއާގެ އަނާ ކަލިންސްކާޔާ ބަލިކޮށް ކުއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރި އެމެރިކާގެ އެމާ ނަވާރޯ އާއެވެ. ނަވާރޯ މިމެޗުގެ ދެ ސެޓު ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ.