ބެލިންގހަމްގެ ދެ ލަނޑުން ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް އިންގްލެންޑް ގެންގޮސްދީފިއެވެ.
އިންގްލެންޑް މުބާރާތުގެ ސެމީފައިނަލަށް ދަތުރުކުރީ ކްއާޓާ ފައިނަލްގައި ނޯވޭ 2-1 ން ބަލިކޮށްގެންނެވެ. ނޯވޭގެ މައްޗަށް އިންގްލެންޑުން ކުރިހޯދީ ފުރިހަމަ ވަގުތު 1-1 ން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން 8 މިނިޓަށް ވެފައިވަނިކޮށް، މެޗުގައި ލީޑް ނެގީ ނޯވޭއިންނެވެ. ނޯވޭއަށް ކުރި ހޯދައިދިނީ އަންދްރޭސް ޝެލްޑެރަޕް އެވެ. އެކަމަކު މިއީ އަރިމަތިން އޭނާ ނެގި ހުރަހެއް އިނގިރޭސި ކީޕަރު ޕިކްފޯޑް އަށް ސަމާލަމްނުކޔރެވި ގޮސް ދަނޑީގައި ޖެހިފަ ވަން ގޯލެކެވެ. ހާފް ނިމުމުގެ ކުރިން ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ބެލިންގހަމް ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭރިޔާ ތެރެއިން ދެ ކުޅުންތެރިން ވިއްދާފައި ތިއްބާ، ގޯލްއޭރިޔާ ކަނާ ދިމާލުން ބެލިންގހަމް ފޮނުވާލި ބޯޅަ ވަނީ ގޯލްގެ ދުރު ކަނަށެވެ. އެންތަނީ ގޯޑަން ދިން ބޯޅަ ބެލިންގހަމް ފޮނުވާލީ ޔަގީންކަމާއެކުއެވެ.
މެޗުގެ ދެވަނަ ހާފްގައި ނޯވޭއިން ދެވަނަ ލަނޑެއް ޖެހިއެވެ. ނަމަވެސް އޭގެކުރިން ހާލަންޑް ފައުލްކޮށްފައިވާތީ ވީއޭއާރުން ބެލުމަށްފަހު ޓޯމްޖޯން ލައިސަކާ ހެގެމް ޖެހި ގޯލް ބަލައިނުގަތެވެ.
އެނަތީޖާއަށް އިތުރު ބަދަލެއް ނައުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގެ ތިންވަނަ މިނިޓްގައި ބެލިންގހަމް ލަނޑު ޖަހާ އިނގިރޭސިން މުބާރާތުގެ ސެމީފައިނަލަށް ގެންގޮސްދިނެވެ. މިއީ ދުރުން މޯގަން ރޮޖާސް ފޮނުވާލި ބާރު ބޯޅައެއް ނޯވޭ ކީޕަރު ހިފަން އުޅުމުގެ ތެރޭގައި އަތްދަށުން ދޫވި ވަގުތު ރަނގަޅު ތަނަށް އަރާ ބެލިންގހަމް ކާމިޔާބުކުރި ގޯލެކެވެ. އަދި މިއީ މިމުބާރާތުގައި ބެލިންގހަމްގެ 6 ވަނަ ގޯލެވެ. ހަ ގޯލްގެ އިތުރުން 1 ގޯލް ޖަހަން ބެލިންގހަމް ވަނީ އެސިސްޓް ކޮށްފައެވެ. އިންގްލެންޑްގެ ދެވަނަ ގޯލްގައި ކީޕަރަށް އެބޯޅަ ސަލާމަތް ނުކުރެވި އަތުން ދޫވިޔަސް އިތުރު ވަގުތުގައި އިންގްލެންޑުން ފޮނުވާލި ރަނގަޅު ތިން އެޓޭކެއް އޭނާ މަތަކުރިއެވެ. އޭގެތެރޭގައި ބަދަލަކަށް ނިކުއިން ސްޕެންސް އާއި ސަކާ ފުލްފުލްގައި ފޮނުވާލި ދެ ބޯޅަވެސް ހިމެނެއެވެ.
އިތުރު ވަގުތުގައި އޭރިޔާ ތެރެއިން ނޯވޭގެ އޮސްކާ ބޮބް ފައުލު ކުރިކަމަށް ބަލާ ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނިންމުން ވީއޭއާރުން ބެލުމަށްފަހު ބަދަލުވެސް ކުރިއެވެ.
މިއީ އިންގްލެންޑް ސެމީފައިނަލްގައި ވާދަކުރި 10 ވަނަ ފަހަރެވެ. އެކަމަކު 2022 ވަނަ އަހަރު ސެމީއަށް ދަތުރެއް ނުކުރެވެއެވެ. މިއީ ބްރެޒިލް ބަލިކުރި ނޯވޭ ކްއާޓާ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ސެމީފައިނަލްގައި އިންގްލެންޑް ވާދަކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ނުވަތަ ސްވިޒަރލެންޑާއެވެ.