މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026ގެ އެއް ހޯސްޓު ކަމުގައިވާ އެމެރިކާގައި، މި މުބާރާތުގައި މިހާތަނަށް "ކޮންޓްރޮވާޝަލް" އެތައް ކަމަކާ ކުރިމަތިލާންޖެހިފައިވާ އާޖެންޓީނާގެ ފުޓުބޯޅައިގެ މައި އިދާރާ، އޭއެފްއޭއާ ގުޅޭ މައްސަލައެއް، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބަލަން ފަށައިފިއެވެ.
ބޭރުގެ ބޮޑެތި ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެފްބީއައި އިން ބަލަމުންދަނީ، އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ފާއިތުވީ ދުވަސްތަކުގެ ތެރޭގައި އެމެރިކާގައި 300 މިލިއަން ޑޮލަރު ދައުރުކޮށްފައިވާ ގޮތެވެ. މި ފައިސާ ދައުރުކުރުމަށް އެމެރިކާގެ ފަސް މާލީ އިދާރާއެއްގައި، އޭއެފްއޭ އިން އެކައުންޓުތައް ހުޅުވާފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މި ތަހުގީގުގެ ބޭނުމަކީ، އޭއެފްއޭއިން އެމެރިކާގެ ބޭންކިން ނިޒާމުގެ ތެރެއިން މި ފައިސާ ދައުރުކުރިއިރު، އެ ގައުމުގެ މާލީ ޤާނޫނުތަކާ ޚިލާފަށް އެއްވެސް އަމަލެއް ހިންގާފައިވޭތޯ ބެލުމެވެ. އޭގެތެރޭގައި މަކަރާއި ހީލަތް ހެދުމުގެ ކުށާއި މަނީ ލޯންޑަރ ކުރުމުގެ އެއްވެސް އަމަލެއް ހިންގާފައިވޭތޯ އެފްބީއައި އިން ދަނީ ބަލަމުންކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މީޑިއާތަކުގައި ހާމަކޮށްފައިވާ ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، އޭއެފްއޭގެ ބައިނަލްއަގްވާމީ ކޮމާޝަލް ކޮންޓްރެކްޓުތަކުގެ ކަންކަން ބަލަހައްޓާ ކުންފުނިން ވަނީ އެމެރިކާގެ ސިޓިބެންކް، ސިނޯވަސް އަދި ބެންކް އޮފް އެމެރިކާއާިއ ޖޭޕީ މޯގަންގެ އިތުރުން ޕީއެންސީ ބޭންކްގެ ތެރެއިން 250 މިލިއަން ޑޮލަރު ދައުރުކޮށްފައެވެ. އެހެންނަމަވެސް ހުރިހާ މުއާމަލާތެއް ހިނގީ ސައްޙަކޮށްކަން ކަށަވަރުކުރެވިފައިވަނީ މީގެތެރެއިން ދެބައިކުޅަ އެއްބައިގެކަން ވަނީ އެނގިފައެވެ. މި ފައިސާގެ އިތުރުން، އިތުރު 57 މިލިއަން ޑޮލަރު ދައުރުކޮށްފައިވާއިރު، އެ ފައިސާ ދައުރުކުރި ކުންފުނިތަކުގެ ސައްހަކަން ނުވަތަ އޮރިޖިން އަދި މިހާތަނަށް އައި އިރު ކަށަވަރުކުރެވިފައި ނުވާކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ވޯލްޑް ކަޕުގައި މިޞްރާއި ދެކޮޅަށް އާޖެންޓީނާ ކުޅެ މޮޅުވި މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މި މައްސަލައިގެ ވާހަކަ ދެކެވެމުންދިޔަ ނަމަވެސް، މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގުކުރަން ފެށީ 2025 ވަނަ އަހަރުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމެރިކާގެ ތިން ފެޑެރަލް ޕްރޮސެކިއުޓަރުން މި މައްސަލައަށް ޙާއްސަ ވެގެންތިބެ، މާލީ ކުށްތަކުގެ މައްސަލައެއްގެ ގޮތުގައި ބަލަމުންގެންދާކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަނާ ގުޅޭ މައްސަލައެއް އެފްބީއައި އިން ތަހުގީގުކުރަމުން އަންނައިރު، މިފަހަރުގެ ވޯލްޑް ކަޕުގައި ވެސް އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް އާޖެންޓީނާއަށް، ފީފާއިން ނުހައްގު ފުރުސަތުތަކެއް ހޯދައިޭ ކަމުގެ ތުހުމަތު ކުރިނަމަވެސް، މިފަދަ އެއްވެސް ކަމެއް ސާބިތުވެފައެއް ނުވެއެވެ.