ޚަބަރު

"ރީތި ބަލާހިތްވާ މޮޅު ކުޅުން ދެއްކުން މުހިންމު ނޫން"


  • ބްރެޒިލް މިމެޗު ކާމިޔާބު ކުރީ 3 ލަނޑު ސުން ލަނޑުން

  • އަމާޒަކީ ކުޅޭ ކޮންމެ މެޗަކުން މޮޅުވުން ކަމަށް އެންޗެލޯޓީ ވަނީ ބުނެފަ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިފަހަރު ވާދަކުރާ ބްރެޒިލް ޓީމުން ބޭނުންވަނީ މެޗުތަކުގައި ރީތި ބަލާހިތްވާ މޮޅު ކުޅުން ދެއްކުން ނޫން ކަމަށް ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.

އެންޗެލޯޓީ މިހެން ބުނެފައިވަނީ ގްރޫޕް ސީގައި ސްކޮޓްލަންޑާއި ބައްދަލުކޮށް މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އެންޗެލޯޓީ ބުނީ ބްރެޒިލް ޓީމުން މަސައްކަތް ކުރަމުންދަނީ ކޮންމެ މެޗެއްގައިވެސް އެޓީމަށް ކުޅެވުނު އެންމެ ރަނގަޅަކަށް ކުޅެން ކަމަށެވެ.

ނަމަވެސް ޓީމުގެ އަމާޒަކީ މެޗުތަކުގައި މޮޅަށް ކުޅުން ނޫން ކަމަށާއި އަމާޒަކީ ކުޅޭ ކޮންމެ މެޗަކުން މޮޅުވުން ކަމަށެވެ. އޭނާ ބުނީ ކޯޗެއްގެ މޮޅުކަން ބިނާވެގެންދާނީ އޭނާ މޮޅުވާ މެޗުތަކާއި ބަލިވާ މެޗުތަކުގެ މައްޗަށެވެ.

އެންޗެލޯޓީ ބުނީ މިފަހަރުގެ ވޯލްޑް ކަޕް ބްރެޒިލް އިން ކާމިޔާބު ކޮށްފި ނަމަ ބެލެވޭނީ މޮޅަށް ކުޅުނު ކަމަށާއި އަދި އެކަން ހާސިލް ނުވެއްޖެނަމަ އެއީ ރަނގަޅަށް ކުޅެވުނު ކަމަކަށް ނުބަލާނެކަމަށެވެ. މިކަން ވަރަށް ރަނގަޅަށް އޭނާއަށް އެނގޭ ކަމަށާއި އަދި ޓީމުގެ ކުޅުން ރަނގަޅު ވަމުން އަންނާތީ ހިތްހަމަ ޖެހޭ ކަމަށެވެ.

އެންޗެލޯޓީ ބުނީ މިހާރު ބްރެޒިލް ޓީމެއްގެ ގޮތުގައި ކުޅެމުންދާކަމަށެވެ. ނަމަވެސް އަދިވެސް ރަނގަޅޫ ކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށާއި އެގޮތުން ކުޅުން ހަލުވި ކުރުން މީ ކުރެވިދާނެކަމެކެވެ. އަދި ފުރަތަމަ މެޗަށްފަހު މިކުޅުނު ދެމެޗުގައިވެސް ޓީމުގެ ކުޅުން ރަނގަޅު ވެފައިވާކަން އޭނާ ފާހަގަކުރިއެވެ.

ނޭމާ އާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އެންޗެލޯޓީ ބުނީ ނޭމާ އަކީ އިތުރު މޯޓިވޭޝަނެއް ބޭނުންވާ ކުޅުންތެރިއެއް ނޫންކަމަށެވެ. ހަގީގަތަކީ ބްރެޒިލްގެ ޖާރޒީ ލާ އެއްވެސް ކުޅުންތެރިޔަކަށް މޯޓީވޭޝަން ބޭނުންނުވާ ކަމަށެވެ.

ސްކޮޓްލަންޑްގެ ކޯޗު ސްޓީވް ކްލާކް ބުނީ އޭނާގެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ އުންމީދު ކުރިވަރުގެ ކުޅުމެއް ނޫންކަމަށެވެ.

ބްރެޒިލް ފެންވަރުގެ ޓީމަކަށް މިމެޗުގައި ދިން ކަހަލަ ފުރުސަތު ދިނުމުން ވާނެގޮތް ފެނިގެންދިޔައީ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. އަދި މިވަގުތު ފެންނަގޮތުން ދެން އޮތް ބުރުން ޖާގަ ލިބޭނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށާއި އެންމެ ގާތީ އެނބުރި ސްކޮޓްލަންޑަށް ދިއުން ކަމަށް އޭނާ ފާހަގަ ކުރިއެވެ.