ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަބަދުވެސް ސިފަވެފައި ވަނީ އެމެރިކާއިން އީރާނާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބާރުފޯރުވޭ ވަރުގެ ނުފޫޒުގަދަ މީހެއްގެ ގޮތުގައެވެ. ނަމަވެސް އެ މަންޒަރު މިއަދު މުޅިން ބަދަލުވެ، ނަތަންޔާހޫގެ ބަސް އެމެރިކާގެ ކުރިމަތީގައި މިހާރު ނުވިކޭ ކަމަށް މަސްރަހު ދިރާސާކުރާ ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
އެތައް އަހަރެއް ވަންދެން ނަތަންޔާހޫ އޭނާގެ ސިޔާސީ ޝަހުސިއްޔަތު ބިނާކުރަމުން ދިޔައީ އެމެެރިކާއާއި ޔަހޫދީންނާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ. އެމެރިކާގެ ރިޕަބްލިކަން ލީޑަރުންނާ އޭނާ ދިޔައީ ޚާއްޞަ ގާތް ކަމެއް ބާއްވަމުންނެވެ. އެމެރިކާގެ ސިޔާސަތުތަކަށް އޭނާއަށް ބާރުފޯރުވޭނެ ކަމަށް މުޅި ދުނިޔެއަށް އޭނާ ދައްކަމުން ދިޔައިރު، އީރާނާމެދު އެދެވޭ ގޮތަކަށް ޢަމަލުކުރެވޭނީ އެ ޤައުމާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅައިގެން ކަމަށް ވެސް ނަތަންޔާހޫ ދިޔައީ ބުނަމުންނެވެ. ނަތަންޔާހޫގެ އެންމެ ކޯލަކުން ވެސް އެމެރިކާގެ ނިންމުންތައް ބަދަލުކޮށްލެވޭނެ ކަމަށް އޮތީ ދެކެވިފައެވެ.
ނަމަވެސް މެދުއިރުމަތީގެ ހަނގުރާމަ ދާއިމީ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާންއާ ދެމެދު މިދިޔަ ހަފްތާގެ ތެރޭގައި އިބްތިދާޢީ އެއްބަސްވުމެއްގައި ސޮއި ކުރުމާއެކު އެމެރިކާއާއި ޔަހޫދީންނާ ދެމެދު އޮތް ގުޅުމަށް ބަދަލެއް އައިސްފައިވާ ކަން ފާހަގަވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވާލާފައިވާ މި އެއްބަސްވުން ތައްޔާރުކުރުމުގައި ޔަހޫދީންނަށް މާ ބޮޑު ބާރެއް އެމެރިކާއިން ދީފައެއް ނުވެއެވެ. ޔަހޫދީން ކިތަންމެ ނުރުހުންވި ކަމުގައިވި ނަމަވެސް ޑިމޮކްރަސީ އިސްކުރުމަށް ޓްރަމްޕް ނިންމަވާފައިވާ ނިންމުން ބަލައިގަތުމަށް، ނަތަންޔާހޫއަށް މި ވަނީ މަޖުބޫރުވެފައެވެ.
ފާޑުކިޔުންތެރިން ބުނީ ހަނގުރާމައިގެ މައިގަނޑު މަޤްޞަދުތައް ނަތަންޔާހޫއަށް ކާމިޔާބުކުރެވިފައި ނުވާ ކަމަށެވެ. އެ ގޮތުން އީރާނުގެ ސަރުކާރު ބަލިކަށި ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށް އެ މީހުން ފާހަގަކުރެއެވެ. އަދި ލުބުނާނުގެ ޙިޒްބުالله ބަލި ކުރުމަށް ވެސް ޔަހޫދީން ނުކުޅެދިފައިވާ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ. އޭގެ އިތުރުން އިރުމަތީ ސަރަޙައްދުތަކުގައި ދިރިއުޅޭ ޔަހޫދީންނަށް ރައްކާތެރިކަން ނަތަންޔާހޫއަށް ފޯރުކޮށްދެވިފައެއް ނުވެއެވެ.
ނަތަންޔާހޫގެ ކުރީގެ މުޝީރެއް ކަމަށްވާ އަވިވް ބުޝިންސްކީ ބުނީ އެމެރިކާއާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުން ދައްކުވައިދެނީ އީރާނާއެކު ކުރި ހަނގުރާމައިގައި ޔަހޫދީން ބަލިވި ކަން ކަމަށާއި އޭގެ ސަބަބުން ނަތަންޔާހޫއަށް ރަޙްމަތްތެރިއެއްގެ ޙައިޞިއްޔަތުން ވެސް ޓްރަމްޕްގެ ތާއީދު ގެއްލިފައިވާ ކަމަށެވެ. ނަތަންޔާހޫ އަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި އެކަހެރިވެފައިވާ މީހެއް ކަމަށާއި، ނަތަންޔާހޫއާއި ޓްރަމްޕްއާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތައް ހުރި ކަމަށް އޭނާ ފާަހަގަ ކުރިއެވެ.
ޓްރަމްޕް މަސައްކަތް ކުރައްވަމުން ދަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުން އެމެރިކާ ދުރުކުރުމަށެވެ. އެއާ ޚިލާފަށް ނަތަންޔާހޫ ބޭނުން ވަނީ އީރާނާއި ލުބުނާނަށް ޙަމަލާތައް ދީ ދެ ޤައުމަށް އުނދަގޫތައް ކުރިމަތިކުރުވުމަށެވެ. ނަމަވެސް ޓްރަމްޕް ވަނީ ޔަހޫދީން ލުބުނާނަށް ދޭ އަސްކަރީ ޙަމަލާތައް ފާޅުގައި ކުށްވެރިކޮށްފައެވެ. އީރާނުގެ އިތުރުން މެދުއިރުމަތީގެ ބައިވެރިންނާއެކު އެމެރިކާއިން މަޝްވަރާތައްކޮށް، ބޭނުންވާ މިސްރާބަށް ދިޔުމަށް އެމެރިކާއިން ދަތުރުފަށާފައިވާއިރު، މުހިންމު ނިންމުންތައް ނިންމުމުގައި ޔަހޫދީންގެ ބައިވެރިވުން މިހާރު މި ވަނީ ހަނިވެފައެވެ.
ނަތަންޔަހޫގެ ބާރު އިތުރަށް ބަލިކަށިވެފައިވާ އަނެއް ސަބަބަކީ ރިޕަބްލިކަނުންގެ ތާޢީދު އޭނާއަށް ގެއްލެމުން ދިޔުމެވެ. އެ ފިކުރުގެ މީހުންގެ ތެރެއިން މަދު ބަޔަކު ނޫނީ ޓްރަމްޕްއާ އިދިކޮޅު ފަޅިއަކަށް ނާރާނެއެވެ. އޭގެ އިތުރުން ޢަރަބި ޤައުމުތަކުން ޔަހޫދީންނާއެކު ގުޅުން ބަދަހިކުރުވުމަށް ކުރަމުންދިޔަ މަަަސައްކަތްތައް ވެސް މިހާރު މި ވަނީ މަޑުޖެހިފައެވެ. ނުފޫޒުގެގޮތުން ޔަހޫދީން ބަލިކަށިވެފައިވާ މި ޙާލަތުގައި އީރާނުގެ ސަރަޙައްދީ ނުފޫޒު ވަނީ ހަނގުރާމައިގެ ސަބަބުން އިތުރުވެފަައެވެ. އެއާއެކު ބައިނަލްއަޤްވާމީ ދުނިޔޭގައި ވެސް ބާކީވެފައިވާ ނަތަންޔާހޫގެ މަޤްުބޫލުކަން، އަމިއްލަ ދައުލަތުގައި ވެސް ދަނީ ގެއްލެމުންނެވެ. އީރާނު ސުންނާފަތިކޮށްލި ލީޑަރުގެ ގޮތުގައި މަޝްހޫރުވާން ބޭނުންވި ނަތަންޔާހޫގެ ބާރު، އެ ކަން ޙާޞިލް ކުރުމަށް ކުރި ހަނގުރާމައިގެ ސަބަބުން ދަނީ ނެތެމުންނެވެ.
ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ އީރާނަށް ލިބުނު ކާމިޔާބީއެކެވެ. އަދި އެއީ ނަތަންޔާހޫ ފޭލިވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.