ޚަބަރު

މިހާތަނަށް މަސްވެެރިންނަށް 1.1 ބިލިޔަން ރުފިޔާ ދޫކޮށްފި


  • ވެރިކަމާއި ހަވާލުވިއިރު ބެކްލޮގް ބޮޑު

  • މަސްވެރިންނަށް ދަނީ 48 ގަޑިއިރު ތެރޭގައި ފައިސާދެމުން

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތުގެ ދަށުން، ޖޫން މަހާ ހަމައަށް 1.1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ.

2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރިކަމަށް ސަރުކާރުން ވިދާޅުވެއެވެ. 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާއި ހަވާލުވި އިރު 250 މިލިޔަން ރުފިޔާ މަސްވެރިންނަށް ނުދައްކާ އޮތެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާދެމުންދާކަން ފާހަގަކުރައްވާފައެވެ.

ޖޫން މަހުގެ ނިޔަލަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދު 1،175،803،626.60 (އެއް ބިލިޔަން އެއް ލައްކަ ހަތްދިހަ ފަސް މިލިޔަން، އަށްސަތޭކަ ތިންހާސް ހަ ސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) އަށް އަރައެވެ.

"ބެކްލޮގް ކްލިއަރކުރުމަށް ޚާއްސަ އިސްކަމެއް ދެއްވި. މިއީ ރައީސް ވަރަށް ބޮޑު އިސްކަމެއްދެއްވާ މަސައްކަތެއް." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާޢަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، ސިނާޢަތުގެ ތަރައްޤީ ސަރުކާރުން ކަށަވަރުކުރާނެކަމުގެ ޔަޤީންކަން މަސްވެރިކަމާބެހޭ ވަޒީރު ވަނީ ދެއްވާފައެވެ. މަސްވެރިންނަށް މާލީ އަދި އިދާރީ ފުރުސަތުތައް ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.