ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޖީ ގައި ބެލްޖިއަމް އާއި އިރާން މިރޭ ބައްދަލުކުރާ މެޗަށް މި ދެ ޓީމު ނިކުންނައިރު ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ދެ ޓީމުވެސް ވަނީ އެއްވަރުވެފަ އެވެ.
އިޖިޕްޓް އާއި ދެކޮޅަށް ބެލްޖިއަމް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވާއިރު ނިއު ޒިލޭންޑް އާއި އިރާން ކުޅުނު މެޗު ވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ. މި މެޗުން ކޮންމެ ނަތީޖާއެއް ނިކުތް ނަމަވެސް އެ ނަތީޖާއަށް ބަލާ މުބާރާތުން ދެ ޓީމުން ކުރެ ޓީމެއް ކަޓައިގެން ދާން ނުޖެހޭއިރު, މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުވާނެ އެވެ.
ފީފާ ވޯލްޑްކަޕްގައި އަލަށް މި ދެ ގައުމު ބައްދަލުކުރާއިރު, މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކާއި އަޅާބަލާއިރު އިރާނަށް އޮތީ ދަތި އުނދަގޫ މަގެކެވެ. ކޮންމެ މެޗަކަށް މެކްސިކޯގައި ތިބެފައި ފްލައިޓުގައި ދަތުރެއް ކުރުމަށްފަހު މެޗު ނިމޭ ގޮތަށް ދަނޑުން އަނެއްކާ އަނބުރާ މެކްސިކޯ އަށް ދިއުމުގެ ދަތުރު ފެށުމަށް ހަމަޖެހިފައިވާއިރު, އެކަމުގެ ސަބަބުން ކުޅުންތެރިންނަށް މެޗަށްފަހު ރިކަވަރ ވާން ދަތިވާކަމަށް އިރާނުގެ ޓީމުން ވަނީ ބުނެފަ އެވެ.