ޚަބަރު

ޕެރަގުއޭ އަތުން ބަލިވެ ތުރުކީއަށް މުބާރާތް ނިމިއްޖެ


  • ތުރުކީ 0 - 1 ޕެރަގުއޭ

  • ގްރޫޕް ޑީގެ އެއްވަނަ އެމެރިކާ ވަނީ ޔަގީންކޮށްފައި

  • ތުރުކީއަށް ލިބެނީ ގްރޫޕްގެ 4 ވަނަ

ވޯލްޑް ކަޕްގެ ތާރީޚުގައި އަނގަމަތީގައި އަތްއެޅުމުގެ ސަބަބުން ދަނޑުން ފޮނުވާލި ފުރަތަމަ ކުޅުންތެރިޔަކަށް މިގޭލް އަލްމިރޯން ވެގެންދިޔައިރު، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ޕެރަގުއޭއިން، ތުރުކީ ބަލިކޮށް، މުބާރާތުގެ ގަދަ 32 ގެ އުންމީދު އާކޮށްފައެވެ.

މި ނަތީޖާއާއެކު ތުރުކީ ވަނީ މުބާރާތުން ކަޓާފައެވެ.

ޕެރަގުރޭ މެޗު ކާމިޔާބުކުރީ މެޗު ފަށައިގެން އެންމެ 64 ސިކުންތުގެ ތެރޭގައި ޕެރަގުއޭގެ މިޑްފީލްޑަރު މަތިއަސް ގަލާޒަރ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެތެރެއަށް ވަށްދާލައިގެންނެވެ.

މިއީ މިހާތަނަށް މި މުބާރާތުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑަށްވާއިރު، މިއީ މެޗުން އެޓީމު މޮޅުވި ލަނޑުވެސް މެއެވެ.

މި ދެ ޓީމަކީވެސް ފުރަތަމަ މެޗުން ބަލިވެފައިވާ ދެ ޓީމެވެ. ޕެރަގުއޭ ބަލިވީ މުބާރާތް ބާއްވާ އެމެރިކާ އަތުން 4-1 އިންނެވެ. އަދި ތުރުކީ ވަނީ އޮސްޓްރޭލިއާ އަތުން 2-0 އިން ބަލިވެފައެވެ.

އެހެންކަމުން، މިއީ ދެ ޓީމަށްވެސް މުހިންމު މެޗަކަށް ވުމާއެކު، މެޗުގެ ތެރޭގައި ވަރަށް ފޯރިގަދަ ކުރިމަތިލުންތަކެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ހާފުގައި ތުރުކީން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނު ނަމަވެސް، އެޓީމުން އުފެއްދި 12 ހަމަލާގެ ތެރެއިން ގޯލާ އަމާޒުވީ އެންމެ ހަމަލާއެކެވެ. މީގެ އިތުރުން މުލްދޫރު ބޮލުން ޖެހި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއާއި އަރިމަތީ ދަނޑީގައި ޖެހި ބޭރުވިއެވެ.

ފުރަތަމަ މެޗުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ތުރުކީން 30 ހަމަލާ އުފެއްދިއިރު، މި މެޗުގައި 32 ހަމަލާ އުފެއްދިއެވެ. ނަމަވެސް، ޕެރަގުއޭއިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ދެވަނަ ހާފުގައިވެސް ތުރުކީއަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މި މުބާރާތުގައި އަދި މިހާތަނަށް ތުރުކީއަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

ޖެހިޖެހިގެން ދެ މެޗުން ބަލިވުމާއެކު ތުރުކީއަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު މިވަނީ އެއްކޮށް ބަންދުވެފައެވެ. އަދި ގްރޫޕް 'ޑީ' ގެ ފަހު މެޗުގައި އޮސްޓްރޭލިއާ އަތުން މޮޅުވެއްޖެނަމަ، ޕެރަގުއޭއަށް ނޮކްއައުޓް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.