ޚަބަރު

ފަރުމަސް މުބާރާތުގެ އެއްވަނަ ތުޅާދޫ ދޮންއިސްމާޢީލް ޓީމަށް


  • މުބާރާތުގެ އެއްވަނަ ޓީމަކަށް 30000 ރުފިޔާ ދީފައިވޭ

  • އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 ރުފިޔާވަނީ ދީފައި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމު ކޮށްގެން ބޭއްވި ފަރުމަސް މުބާރާތުގެ އެއްވަނަ ބ.ތުޅާދޫ ދޮން އިސްމާޢީލް ޓީމުން ހޯދައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްދިޔަ މިމުބާރާތުގައި ޖުމްލަ 109 ޓީމުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން ބައިވެރިވި 18 ޓީމުވެސް ހިމެނެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ފަރުމަސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލިއިރު މިމުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ދިޔަ ޓީމުތަކަށާއި އެންމެ ބަރު މަސް ބޭނި ފަރާތަށްވަނީ ފައިސާގެ އިނާމް ދެއްވާފައެވެ.

ފަރުމަސް މުބާރާތުން ވަނަތައް ހޯދި ޓީމުތައް:

1 ވަނަ: ބ.ތުޅާދޫ، ދޮންއިސްމާޢީލް ޓީމު - 30،000 ރުފިޔާ
2 ވަނަ: ޏ.ފުވައްމުލަކު، މެޖިކްލީން - 25،000 ރުފިޔާ
3 ވަނަ: ތ.ހިރިލަންދޫ، ކަޅަކައުންޑު- 20،000 ރުފިޔާ

މިމުބާރާތުގައި "އެންމެ ބަރު މަސް" ބާނައިފައިވަނީ ބ.ތުޅާދޫ، ދޮންއިސްމާޢީލް ޓީމުގެ މުހައްމަދު ހާބީބް ރިޔާޒްއެވެ. 50.65 ކިލޯގެ މަހެއް ބާނައިގެން އޭނާއަށް އިނާމުގެ ގޮތުގައި 5000 ރުފިޔާވަނީ ލިބިފައެވެ.

ފަރުމަސް މުބާރާތުގައި މާލެ ސަރަހައްދުން 18 ޓީމު ވާދަކޮށްފައިވާއިރު ވަނަތަކަށް އައި ޓީމުތަކަށް އެޗްޑީސީންވަނީ ފައިސާގެ އިނާމް ދެއްވާފައެވެ.

ފަރުމަސް މުބާރާތުން މާލެ ސަރަހައްދުން ވަނަތައް ހޯދި ޓީމުތައް:

1 ވަނަ: ޗިލް ބްރޯޒް - 15،000 ރުފިޔާ
2 ވަނަ: އެންޒީ މޯލްޑިވްސް - 10،000 ރުފިޔާ
3 ވަނަ: ސިލްވަރ ގްރަންޓަރ - 5000 ރުފިޔާ

މާލެ ސަރަހައްދުން މި މުބާރާތުގައި "އެންމެ ބަރު މަސް" ބާނައިފައިވަނީ އޭވިއަން ޓީމުގެ ކިޔާން އަލްވީއެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ މިމަސްރޭސް ނިންމާލެވިފައިވަނީ ވަރަށް ކާމިޔާބުކަމާއެކުގައި ކަމަށެވެ. އަދި މިމުބާރާތުގައި ހުރިހާ އަތޮޅަކުންވެސް ބައިވެރިވެފައިވާތީ އެކަމަށްޓަކައި ކައުންސިލްތަކަށް ވަޒީރުވަނީ ޝުކުރުއަދާކުރައްވާފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ ސްޕޯޓްސް ފިޝިން އުސޫލުން ރާވައި ހިންގާ މިފަދަ ހަރަކާތްތަކަށް އަބަދުވެސް ވަރަށް ބޮޑުތަރުހީބެއް ލިބޭކަމަށެވެ. ސަބަބަކީ ރާއްޖޭގައި ސްޕޯޓްސް ފިޝިން ކޮމިޔުނިޓީ ހިއްސާކުރާ އިންސައްތަ ބޮޑުވަމުން ދިއުން ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ އިވެންޓްތައް ގިނަކުރުމަށް އަބަދުވެސް އެދެމުން އަަންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކޮންމެ އަހަރަކުވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށް ނިންމާފައިވާކަަމަށެވެ.

"މިރާއްޖޭގައި މިހާރު ސްޕޯޓްސް ފިޝިން ކޮމިޔުނިޓީ ހިއްސާކުރާ އިންސައްތަ ބޮޑުވަމުން ދާތީ މިކަހަލަ އިވެންޓްތައް ގިނަކުރުމަށް އަބަދުވެސް ރިކުއެސްޓް އާދޭ. މިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިންސްޓްރަކްޝަންގެ ދަށުން ކޮންމެ އަހަރަކުވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށްވަނީ ނިންމާފައި" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގުމުގެ ބޭނުމަކީ މުޖްތަމަޢުތަކުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އަށަގަންނުވައި އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުންކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.