ޚަބަރު

ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ސްޓެލްކޯއަށް


  • އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޖާގަ ސްޓެލްކޯއާ ވަނީ ހަވާލުކޮށްފައި

  • މާލެ ސަރަޙައްދުގައި އެންމެ ގިނަބަޔަކު ދިރިއުޅެނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވުމުގެ ގޮތުން އެ ކުންފުންޏާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރުއެވެ.

ސްޓެލްކޯއިން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނިން އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ އެޗްޑީސީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ސްޓެލްކޯގެ ފަރާތުން މިއަދު ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓް ވެސް ހަދިޔާކޮށްފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯއިން ހަވާލުވިއިރު، މިވަގުތު އެންމެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ސަރަހައްދަކީ ހުޅުމާލެ ދެވަނަ ފިޔަވައްސެވެ. ހިޔާ ފްލެޓުތަކާއި ފަހި ފްލެޓުތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު އަންނަނީ ދިރިއުޅެމުންނެވެ.

މާލެ ސަރަޙައްދުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި އަޕްގްރޭޑަކީ އިންޖީނުގެއަށް އިތުރު ޖެނެރޭޝަން ފީޑް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ޚިދުމަތްތައް ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމަކުރުމަށް ކުރާ މަސައްކަތެކެވެ. އަދި މި މަސައްކަތުގެ ފުރަތަމަ މަރުހަލާ ވަނީ ނިންމާލާފައެވެ.