ޚަބަރު

14 ނުކުތާގެ މައްޗަށް އެކުލެވޭ އީރާނު-އެމެރިކާ ސުލްޙައިގެ އެއްބަސްވުން


އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ފެށި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސޮއިކުރި އިބުތިދާއީ އެއްބަސްވުމުގައި ޖުމްލަ 14 ނުކުތާއެއް ހިމެނޭކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

މިގޮތުން، އެމެރިކާ އާއި އީރާނާ ދެމެދު އެންމެ ބޮޑަށް ޚިލާފު އުފެދިފައިވާ މައްސަލަތަކަށް ޙައްލު ލިބޭ ގޮތަށް އެ އިބުތިދާއީ އެއްބަސްވުން އެކުލަވާލާފައިވާކަމަށް އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެއެވެ.

އެ އެއްބަސްވުމުގެ ދަށުން، އަންނަ ހުކުރު ދުވަހު ސްވިޒަރލޭންޑްގައި 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ފެށޭ މަޝްވަރާތަކުގައި އެ އެއްބަސްވުން ދާއިމީ ކުރުމަށް ވަނީ ނިންމައިފައެވެ.

އެއްބަސްވުމުގައި ހިމެނޭ ކަންކަން:

1. އެއްބަސްވުމުގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން، އެމެރިކާ އާއި އީރާނުން ހިންގަމުންދިޔަ ހުރިހާ އަސްކަރީ އޮޕަރޭޝަންތައް ނިމުމަކަށް ގެނެސް، އަސްކަރީ ބާރު ބޭނުންނުކުރާނެކަމަށާއި، ލުބްނާނުގެ މިނިވަންކަމައި އިސްތިޤުލާލު ރައްކާތެރިކޮށްދިނުން.
2. އެމެރިކާ އާއި އީރާނުގެ މިނިވަންކަމާއި އިސްތިޤުލާލަށް އިޙްތިރާމްކޮށް، އެއް ޤައުމުން އަނެއް ޤައުމުގެ ދާޚިލީ ކަންކަމާ ނުބެހުން.
3. ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ސުލްޙައިގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެމެރިކާ އާއި އިރާނުން ވެސް އެއްބަސްވުން.
4. ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އީރާނުގެ ބަނދަރުތަކުން ލަފާނުފުރޭ ގޮތަށް އެމެރިކާއިން ޤާއިމުކޮށްފައިވާ ޙިޞާރު ނިމުމަކަށް ގެނެސް، އީރާނުގެ ސަރަޙައްދަށް ޖަމާކޮށްފައިވާ އެމެރިކާގެ އަސްކަރީ މަނަވަރުތައް އަނބުރާ ގެންދިޔުން.
5. ހުރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލައި، އަމިއްލަ ކަނޑުބޯޓު ފަހަރަށް އެއްވެސް ފީއަކާ ނުލައި، އެއްވެސް ހުރަހެއް ނެތި ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ދިނުން. އަދި ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގައި އޮމާނުގެ ސަރުކާރާ އެކު އީރާނުން މަޝްވަރާތައް ފެށުން.
6. އެމެރިކާ އާއި ޔަހޫދީންގެ ޙަމަލާތަކުގައި ގެއްލުން ލިބިފައިވާ އީރާނުގެ އިމާރާތްތަކާއި ވަޞީލަތްތައް އަލުން ބިނާކުރުމަށް، ދެ ފަރާތަށް އެއްބަސްވެވޭ ޕްލޭނެއްގެ ދަށުން 300 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް މާލީ އެހީ އެމެރިކާއިން ފޯރުކޮށްދިނުން.
7. އެމެރިކާ އާއި އދގެ އެކި އިދާރާތަކުން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ބާވަތެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން.
8. އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓައިލުން. އަދި މިހާރު މުއްސަނދިކޮށްފައިވާ ޔުރޭނިއަމް، ދެ ފަރާތަށް އެއްބަސްވެވޭ ގޮތަކަށް ނައްތައިލުން.
9. ސުލްޙައިގެ ދާއިމީ އެއްބަސްވުމަކާ ހަމައަށް ދެވެންދެން، އިބްތިދާއީ އެއްބަސްވުމުގައި ހިމެނޭ ހުރިހާ ނުކުތާތަކަކަށް ދެ ޤައުމުން ވެސް އެއްބަސްވުން.
10. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ރަސްމީކޮށް އުވާލެވެންދެން، އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ މާލީ ވުޒާރާއިން މެދުކަނޑައިލުން.
11. އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ ހަރުމުދަލާއި ފައިސާ ވަގުތުން ދޫކޮށްލުން.
12. މި އިބްތިދާއީ އެއްބަސްވުމާއި ދާއިމީކޮށް ސުލްޙަ ޤާއިމުކޮށްފައިވާ ބޭއްވުމަށްޓަކައި، މި ކަންކަން މުރާޖަޢާކޮށް، ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ޤައިމުކުރަން ދެ ޤައުމުން އެއްބަސްވުން.
13. މި އިބްތިދާއީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އަދި މި އެއްބަސްވުމުގެ 1،4،5،10 އަދި 11 ވަނަ ނުކުތާ ތަންފީޒުކުރަން ފެށުމާއި، މި ފިޔަވަޅުތައް ތަންފީޒުކުރުން ކުރިއަށް ގެންދިއުމަށްފަހު، އެމެރިކާއާއި އީރާނުން ދާއިމީ އެއްބަސްވުމަކާ ގުޅޭ މަޝްވަރާތައް ފަށާނީ ހަމައެކަނި އެހެން ނުކުތާތަކަށް ކަމަށް އެއްބަސްވުން.
14. މި އިބްތިދާއީ އެއްބަސްވުމުގެ ދަށުން އެކުލަވާލެވޭ ދާއިމީ އެއްބަސްވުމަކީ އދގެ ސަލާމަތީ މަޖިލީހުގެ ޤަރާރަކުން ބާރުދޭ، ޤާނޫނީ ގޮތުން ދެ ފަރާތުން ވެސް އަމަލުކުރުން ލާޒިމް އެއްބަސްވުމަކަށް ހެދުން.