ޚަބަރު

ފީފާ ވޯލްޑް ކަޕް 2026: ޕޯޗުގަލް - ކޮންގޯ


  • ސްޓޭޑިއަމް: ހިއުސްޓަން ސްޓޭޑިއަމް

  • މެޗު ފަށާ ގަޑި: 22:00

ރޮނާލްޑޯ އޭނާގެ ހަވަނަ ވޯލްޑް ކަޕުގައި ކުޅޭ ފުރަތަމަ މެޗަށް މިރޭ ނުކުންނައިރު، ޕޯޗުގަލްއާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކުރިމަތިލުން ބަލާލަން އެތައް ބަޔަކު ތިބީ ކެތްމަދުވެފައެވެ.

މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ބޮޑު ފުރުސަތެއް އޮތްއިރު، ދިވެހިންގެ މެދުގައި ވެސް ރޮނާލްޑޯގެ ސަޕޯޓަރުން ނުހަނު ގިނައެވެ. އެހެންކަމުން ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފަހު ދަތުރު ރޮނާލްޑޯ ކުރަން ފަށާއިރު، އެ މަންޒަރު ބަލަން އެތައް ބަޔަކު ތިބީ އިންތިޒާރުގައެވެ.

ޕޯޗުގަލް

ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުޓްބޯޅައިގައި ނުލިބި އޮތް ހަމައެކަނި މެޑަލް ހޯދުމަށް ޕޯޗުގަލް ގޮވައިގެން އޭނާ މި ފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލާއިރު އެ ޓީމަކީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެއް ޓީމެވެ.

ފީފާ ވޯލްޑްކަޕަށް ދިހަ ވަނަ ފަހަރަށް ޕޯޗުގަލް ނިކުންނައިރު މިއީ އެ ގައުމުން ވޯލްޑްކަޕްގައި ޖެހިޖެހިގެން ވާދަކުރާ އަށްވަނަ ފަހަރެވެ. ވޯލްޑްކަޕްގައި މިހާތަނަށް ޕޯޗުގަލަށް ހޯދިފައިވާ އެންމެ ރަނގަޅު ކާމިޔާބީއަކީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ތިންވަނަ މަގާމް ހޯދުމެވެ. އޭގެ ފަހުން 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑްކަޕްގެ ހަތަރުވަނަ ހޯދިއިރު, 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި ޕޯޗުގަލް ވަނީ ކުޅެފަ އެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕުން ޕޯޗުގަލް ފުރުސަތު ހޯދާފައިވަނީ ޔޫރަޕްގެ ކޮލިފައިން ގްރޫޕް އެފް ގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް އެއް މެޗުން ބަލިވެ ގްރޫޕް އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ރިޕަބްލިކް އޮފް އަޔަލޭންޑާއި ހަންގޭރީގެ އިތުރުން އަރްމޭނިޔާ އެވެ.

2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕޯޗުގަލްގެ ކޯޗު ކަމާއި ހަވާލުވި ސްޕެއިންގެ ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމު މިހާތަނަށް 32 މެޗު ކުޅެފައިވާއިރު އޭގެ ތެރެއިން 23 މެޗުން ވަނީ މޮޅުވެފަ އެވެ. ބަލިވެފައިވަނީ އެންމެ ހަތަރު މެޗުންނެވެ.

ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް ވަނީ 2025 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ޗެމްޕިއަން ހޯދާފަ އެވެ.

ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން ޕޯޗުގަލް އިން މި އަހަރުގެ ތެރޭގައި ހަތަރު މެޗު ކުޅެފައިވާއިރު މެކްސިކޯ އާއި ދެކޮޅަށް މާޗް މަހު ކުޅުނު މެޗު އެއްވަރުވެފައިވާއިރު އޭގެ ފަހުން ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފަ އެވެ. އެއީ އެމެރިކާ އާއި ޗިލީގެ އިތުރުން ނައިޖީރިޔާ އާއި ދެކޮޅަށް ކުޅުނު މެޗުތަކެވެ.

ކޮންގޯ އާއި ދެކޮޅަށް ޕޯޗުގަލް މިރޭ ނިކުންނައިރު އެ ޓީމުގައި ތިބި ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ބްރޫނޯ ފެނާންޑޭޒް, ޖޮއާއޯ ކެންސެލޯ, ވިޓީނިއާ, ނޫނޯ މެންޑޭޒްގެ އިތުރުން ބަރނާޑޯ ސިލްވާ ފާހަގަކޮށްލެވެ އެވެ.

ކޮންގޯ

1974 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑްކަޕްގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިން ވާދަކުރާއިރު, މި މުބާރާތާއި ކޮންގޯ އިން ކުރިމަތިލަނީ ދުނިޔޭގެ ފުޓްބޯޅައިގައި އެ ޓީމުގެ އައު ސަފުހާތަކެއް ލިއުމުގެ ނިޔަތުގަ އެވެ.

މި ފަހަރުގެ ވޯލްޑްކަޕުން ކޮންގޯ ފުރުސަތު ހޯދާފައިވަނީ ކޮލިފައިންގެ އެފްރިކާގެ ގްރޫޕް ބީ ގެ ގޮތުގައި ގްރޫޕްގެ ދެވަނަ ހޯދާ ދެވަނަ ބުރުގައި ކެމަރޫން ބަލިކޮށް ޕްލޭއޮފްގެ ފައިނަލުން ފުރުސަތު ހޯދާ ފައިނަލުގައި ނައިޖީރިޔާ ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށްފަހު އިންޓަރ ކޮންޓިނެންޓަލް ޕްލޭ އޮފް ގައި ޖެމެއިކާ 1-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.

2022 ވަނަ އަހަރު ކޮންގޯގެ ކޯޗު ކަމާއި ފްރާންސްގެ ސެބަސްޓިއަން ޑުސާބޯ ހަވާލުވުމަށްފަހު އޭނާ ވަނީ ކޮންގޯގެ ފުޓްބޯޅަ އަށް އިންގިލާބީ ބަދަލުތަކެއް ގެނެސްފަ އެވެ. އޭނާ ވަނީ 2023 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ހަތަރުވަނަ ހޯދުމުގެ އިތުރުން 2025 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ކޮންގޯއަށް ހޯދަދީފަ އެވެ.

އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ވޯލްޑްކަޕް އިން ކޮންގޯއަށް ފުރުސަތު ލިބުނު ފަހުން އެ ޓީމުން ކުޅެފައިވަނީ އެކުވެރިކަމުގެ ދެ މެޗެވެ. މި ޖޫން މަހު ޑެންމާކް އާއި ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެފައިވާއިރު ޗިލީ އަތުން 2-1 ގެ ނަތީޖާއަކުން ކޮންގޯ ވަނީ ބަލިވެފަ އެވެ.

ކޮންގޯގެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ޗެޑްރިކް ބަކަމްބޫ އާއި ފިސްޓަން މަޔޭލޭގއ ތިރުން އެމްބެމްބާ ހިމެނެ އެވެ.