ތަށި ދިފާއުކުރަން ނުކުންނަ އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާގެ މި ފަހަރުގެ ފުރަތަމަ ފެނިލުމުގައި ނުކުންނަން މި ޖެހެނީ އަލްޖީރިއާ އާއި ދެކޮޅަށެވެ.
ފީފާ ރޭންކިންގައި އެ ޓީމަށްވުރެ އެތައް ދަރަޖައެއް ފަހަތުގައި ގިންތި ކުރެވިފައިވާ އަލްޖީރިއާ އާއި ދެކޮޅަށް އާނެންޓީނާއިން ނުކުންނައިރު، 2022 ވަނަ އަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ވީ ބަލި މަތިން އެ ޓީމު ހަނދާން ހުންނާނެއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް މިއަދު ނިކުންނާނީ އެ ތަށި ދިފާއު ކުރުމުގެ އަޒުމުގަ އެވެ. މިއީ ވޯލްޑްކަޕްގައި އާޖެންޓީނާ ވާދަކުރާ 19 ވަނަ ފަހަރެވެ.
އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލާއިރު އެ ގައުމުން ވަނީ 2021 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. ފާއިތުވެދިޔަ ފަސްވަރަކަށް އަހަރަށް ބަލާއިރު ކުޅުނު ގިނަ މެޗުތަކުން މޮޅުވެފައިވާ އާޖެންޓީނާ މި ފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި ކުޅުނު 18 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެ 2 މެޗު އެއްވަރުކޮށް 4 މެޗުން ބަލިވެގެން ޖުމްލަ 38 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމް ހޯދައިގެންނެވެ.
އާޖެންޓީނާ އެއްވަނަ ޓީމުގެ ގޮތުގައި ކޮލިފައިވިއިރު އެ ޓީމުން ވަނީ ބްރެޒިލް އާއި ކޮލަމްބިއާގެ އިތުރުން އުރުގުއޭ އަދި އިކުއެޑޯ ފަހަތަށް ޖައްސާލާފަ އެވެ. ކޮލިފައިންގައި އާޖެންޓީނާއިން ޖުމްލަ 31 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ 10 ލަނޑެވެ.
ދުނިޔޭގެ ޗެމްޕިއަންކަން 2022 ވަނަ އަހަރު އާޖެންޓީނާއަށް ހޯދަދިން ލަޔޮނެލް ސްކެލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ މި ފަހަރުގެ ވޯލްޑްކަޕަށް ނިކުންނައިރު އެ ޓީމުން ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ ހަތް މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު ހުރިހާ މެޗަކުންވަނީ މޮޅުވެފަ އެވެ.
އެކުވެރިކަމުގެ މި ހަތް މެޗުގައި އާޖެންޓީނާއިން ޖުމްލަ 21 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.
މި ފަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ މެޗަށް އާޖެންޓީނާ ނިކުންނައިރު އެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވެގެންދާނީ ހަވަނަ ވޯލްޑްކަޕްގައި އާޖެންޓީނާއަށް ކުޅޭ ކެޕްޓަން ލަޔޮނެލް މެސީ އެވެ. އޭނާގެ އިތުރުން އެންޒޯ ފެނާންޑޭޒް, ރޮޑްރިގޯ ޑި ޕޯލް, ލައުޓާރޯ މާޓިނޭޒްގެ އިތުރުން ހޫލިއަން އަލްވަރޭޒް ހިމެނެ އެވެ.
2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފީފާ ވޯލްޑްކަޕްގައި އަލްޖީރިއާ އިން މި ފަހަރު ވާދަކުރާއިރު, މިއީ އެ ގައުމުން ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ފަސްވަނަ ފަހަރެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް އަލްޖީރިއާއިން ހޯދާފައިވާއިރު, މިއީ ވޯލްޑްކަޕްގައި އެ ގައުމަށް ހޯދިފައިވާ އެންމެ ރަގަޅު ނަތީޖާ އެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި މިހާރު ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑްކަޕަށް އަލްޖީރިއާ ކޮލިފައިވެފައިވަނީ އެފްރިކާގެ ކޮލިފައިންގެ ގްރޫޕް ޖީ ގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް އެއް މެޗުން ބަލިވެގެން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި އަލްޖީރިޔާ އިން ޖެހި 24 ލަނޑުގެ ތެރެއިން 10 ލަނޑު ޖަހާފައިވަނީ ޖަރުމަނުގެ ވޮލްފްސްބަރގް އަށް ކުޅެމުންދާ މުހައްމަދު އަމޫރާ އެވެ.
ވޯލްޑްކަޕް ކޮލިފައިން އަށް ފަހު އަލްޖީރިޔާ އިން ވަނީ މި އަހަރުގެ ޖެނުއަރީ މަހު ކުރިއަށްދިޔަ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. އެ މުބާރާތުގެ ކުއާޓަރ ފައިނަލުން އަލްޖީރިޔާ ބަލިވެފައިވަނި ނައިޖީރިޔާ އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.
2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޮސްނިއާގެ އެންޑް ހޭޒްގޮވީނާގެ ވްލަޑިމިރް ޕެޓްކޮވިޗް ހަވާލުވުމަށްފަހު އަލްޖީރިޔާގެ ޓީމުގެ ކުޅުމުގެ ސްޓައިލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭނާގ އިރުޝާދުގެ ދަށުން އަލްޖީރިޔާ އިން އެންމެ ފަހުން ކުޅުނު 19 މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަރ ފައިނަލް މެޗެވެ.
ފީފާ ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން މި ޖޫން މަހު އަލްގީރިޔާ ވަނީ އެކުވެރިކަމުގެ މެޗެއްގައި ނެދަލޭންޑްސް އާއި ބޮލީވިއާ އާއި ދެކޮޅަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފަ އެވެ.