މެކްސިކޯ، އެމެރިކާ އަދި ކެނެޑާގައި ފެށިގެން ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ މި އަހަރުގެ އެޑިޝަނަށް ނޯވޭ ކޮލިފައިވެފައިވާއިރު މިއީ ފާއިތުވީ 28 އަހަރުގެ ތެރޭގައި އެ ގައުމުން ވޯލްޑް ކަޕުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އަދި މިފަހަރުގެ މުބާރާތަށް އިރާޤު ވެސް ކޮލިފައިވެފައިވާއިރު، އެ ޓީމުން ވޯލްޑް ކަޕުގައި އެންމެފަހުން ކުޅެފައި ވަނީ 1986 ވަނަ އަހަރުއެވެ.
މި މެޗަކީ ދިވެހިންގެ ޝައުގުވެރިކަން ހުއްޓޭނެ މެޗަކަށް ވެފައި ވަނީ، ނޯވޭ ޓީމުގައި، އިނގިރޭސި ޕްރިމިއަރ ލީގުގެ ތަރިންތަކެއް ހިމެނޭތީއެވެ. އޭގެތެރޭގައި، އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން އާސެނަލްގެ ތަރި މާޓިން އޮޑެގާޑާއި ލީގު ރަނަރަޕް، މެންޗަސްޓަރ ސިޓީގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށްވާ އާލިން ހާލަންޑް ހިމެނެއެވެ.
ފީފާ ވޯލްޑްކަޕްގައި އިރާގުން މި ފަހަރު ވާދަކުރާއިރު މިއީ އެ ގައުމުން ވޯލްޑްކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެ ގައުމުން ވޯލްޑްކަޕްގައި ވާދަކޮށްފައިވަނީ 1986 ވަނަ އަހަރު، މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕުގައެވެ. އެހެންކަމުން މެކްސިކޯ އަކީ އިރާގުގެ ފުޓްބޯޅަ އާޢި ކޮންމެވެސް ގޮތަކުން ގުޅިފައިވާ ގައުމެކެވެ.
އޮސްޓްރޭލިއާގެ ގްރަހަމް އާނޯލްޑްގެ އިރުޝާދުގެ ދަށުން އިރާގުން މި ފަހަރުގެ ވޯލްޑްކަޕްގެ ޖާގައެއް ހޯދާފައިވަނީ ކޮލިފައިންގައި ޖުމްލަ 21 މެޗު ކުޅެ, އެންމެ ގިނަ މެޗު ކުޅުނު ޓީމުގެ ގޮތުގަ އެވެ. އޭޝިޔާގެ ކޮލިފައިންގެ ދެވަނަ ބުރުގެ ގްރޫޕް އެފްގެ އެއްވަނަ މަގާމް ހޯދުމަށްފަހު ތިންވަނަ ބުރުގެ ގްރޫޕް ބީގެ ތިންވަމަ މަގާމް ހޯދުމަށްފަހު ހަތަރުވަނަ ބުރުގައި އިރާގު ހިމެނުނީ ސައުދި އަރަބިއްޔާ އާއި އިންޑޮނޭޝިޔާއާއި އެއް ގްރޫޕެއްގަ އެވެ.
އިރާގަށް މި ގްރޫޕްގެ ދެވަނަ މަގާމް ލިބުމާއިއެކު އެ ޓީމުން ވަނީ ފަސްވަނަ ބުރުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ބަލިކުރުމަށްފަހު އިންޓަރ ކޮންޓިނެންޓަލް ޕްލޭއޮފްގައި ބޮލީވިއާ ބަލިކޮށް ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.
އުމުރުން 62 އަހަރުގެ ގްރަހަމް އާނޯލްޑް ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕްގައި އޮސްޓްރޭލިއާއަށް ކޯޗުކޮށްދީ އެ ޓީމަށް މުބާރާތުގެ ދެވަނަ ބުރުން ފުރުސަތު ހޯދަދީފަ އެވެ.
އިރާގުގެ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންގެ ތެރޭގައި ބޮލީވިއާ ކޮޅަށް ލަނޑު ޖަހާ އިރާގަށް ވޯލްޑްކަޕްގެ ޖާގައެއް ހޯދަދިން އާމިރު އަލް އައްމާރީ އާއި އަލީ ޖާސިމްގެ އިތުރުން އައިމަން ހުސެން އަދި ކެޕްޓަން ޖަލާލް ހަސަން ފާހަގަކޮށްލެވެ އެވެ.
ވޯލްޑްކަޕަށް ތައްޔާރުވުމުގެ ގޮތުން އިރާގުން މި އަހަރުގެ ތެރޭގައި ޖުމްލަ ތިން މެޗު ކުޅެފައިވާއިރު އެންޑޯރާ އަތުން 1-0 ގެ ނަތީޖައަކުން މޮޅުވި ނަމަވެސް ސްޕެއިންއާ ދެކޮޅަށްކުޅެ ވަނީ އެއްވަރުވެފަ އެވެ. އަދި ޖޫން މަހު ވެނެޒުއޭލާ އަތުން އިރާގު ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.
28 އަހަރަށްފަހު ފުރަތަމަ ފަހަރަށް ނޯވޭ އިން ފީފާ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު މިއީ އެ ގައުމުން ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ.
1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ހޯދި ނަމަވެސް އެއަށްވުރެ ކުރިއަށް އެ ގައުމަށް ވޯލްޑްކަޕްގައި ދެވިފައެއް ނުވެއެވެ.
އެމެރިކާ އާއި ކެނެޑާގެ އިތުރުން މެކްސިކޯގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ޖާގައެއް ނޯވޭ އިން ހޯދާފައިވަނީ ކޮލިފައިންގެ ގްރޫޕް އައި ގައި ކުޅުނު އަށް މެޗުންވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއި އެކުގަ އެވެ. ނޯވޭ އިން ވަނީ ކޮލިފައިންގައި ކުޅުނު އަށް މެޗުގައި ޖުމްލަ 37 ލަނޑު ޖަހާފަ އެވެ. ބައިކޮޅަށް ވަދެފައިވަނީ އެންމެ ފަސް ލަނޑެވެ.
ނޯވޭގެ ގައުމީ ޓީމަށް 58 މެޗު ކުޅެދީފައިވާ ސްޓޯލް ސޮލްބާރކެން، ނޯވޭ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2020 ވަނަ އަހަރު އެވެ. އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުގައި 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ނޯވޭއަށް ކުޅެފަ އެވެ.
ސޮލްބާރކެންގެ އިރުޝާދުގެ ދަށުން ނޯވޭ މި ފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާއިރު ދުނިޔޭގައި މިވަގުތު ހުރި އެންމެ ނުރައްކާތެރި އެއް ފޯވަޑުގެ ގޮތުގައި ބެލެވޭ މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް އެ ޓީމުގައި ހުރުމަކީ އިދިކޮޅަށް ކޮންމެ ޓީމެއް ނިކުތް ނަމަވެސް އޭނާ އާއިމެދު ވިސްނާނެވަރުގެ ކުޅުންތެރިއެކެވެ. ހާލަންޑްގެ އިތުރުން އާސެނަލްގެ މާޓިން އޮޑެގާޑް އާއި އެތްލެޓިކޯ މެޑްރިޑްގެ އެލެކްޒެންޑަރ ސޯލޮތް ތިބުމަކީ ސޮލްބާރކެންއަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ.
4 ސެޕްޓެމްބަރ 2025 އިން ފެށިގެން މިހާތަނަށް ނޯވޭ އިން ކުޅުނު 10 މެޗަށް ބަލާއިރު ނޯވޭ ބަލިވެފައިވަނީ މި އަހަރުގެ މާޗް މަހު ނެދަލޭންޑްސް އަތުން 2-1 ގެ ނަތީޖާއަކުންނެވެ. ތިން މެޗުން އެއްވަރުވެފައިވާއިރު ހަ މެޗުން ނޯވޭ ވަނީ މޮޅުވެފަ އެވެ. އޭގެ ތެރޭގައި މި ޖޫން މަހު ސްވިޑަން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވި މެޗުވެސް ހިމެނެ އެވެ.