ޚަބަރު

ގައްދޫއަށް ހުރާގެ މައްޗަށް މޮޅެއް


  • ގައްދޫއިން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއިން

  • މިއީ ކޮލިފިކޭޝަންގައި ގައްދޫއަށް ލިބުނު ފުރަތަމަ މޮޅު

ދިވެހި ލީގު 26/27 ސީޒަންގެ ކޮލިފައިންގައި ސެންޓްރަލް ޒޯންގެ ޗެމްޕިއަން ކ.ހުރާ އާއި ސައުތު ޒޯންގެ ޗެމްޕިއަން ގދ.ގައްދޫ ބައްދަލުކުރި މެޗު، ގދ. ގައްދޫ ޓީމުން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު، ފަހަތުން އަރައި ގައްދޫ އިން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ 6 ވަނަ މިނެޓުގައި ހުރާއިން ވަނީ ކައިރިކައިރީގައި ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް ގައްދޫ ކީޕަރު ވަނީ މި ދެ ހަމަލާވެސް މަތަކޮށްފައެވެ.

ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގޯލަށް ނުރައްކާ ކޮށްފައިވަނީ ހުރާއިންނެވެ. އެޓީމުން ވަނީ ދުރުން ގިނަ ހަމަލާތަކެއް ފޮނުވާލުމުގެ އިތުރުން ކައިރިކައިރީގައި ގިނަ ކޯނަރުތަކެއްވެސް ހޯދާފައެވެ. އެޓީމުން ލީޑު ނަގާފައި ވަނީވެސް ކޯނަރަކުންނެވެ.

ހުރާގެ މުޙައްމަދު ތަޝްމީން ނަގައިދިން ކޯނަރު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ 19 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ އެސިއެރ ގޮމެސް އަލްވަރޭޒް އެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ގައްދޫއަށް ނަތީޖާ އެއްވަރުކޮށްދީފައި ވަނީ ޢަލީ މުޙައްމަދެވެ. މިއީ، ވާހިބް ތަހްރާ ތިރިތިރިން އޭރިއާ ތެރެއަށް ފޮނުވާލި ބޯޅައެއްގައި މަޑުމަޑުން ފައިން ޖައްސާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ގައްދޫއިން އެއްވަރުކުރި ފަހުންވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ހުރާއިންނެވެ. އެޓީމުން ގައްދޫގެ ގޯލަށ1 އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލިނަމަވެސް ފުރަތަމަ ހާފުގައި އިތުރު ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގައްދޫއަށް ލިބުނު ދެވަނަ ކޯނަރުން އެޓީމުގެ ޑިފެންޑަރު، ޑޮނާލިއޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރު ވެގެންނެވެ.

ދެވަނަ ހާފު ފެށިގެންވެސް ފެނިގެންދިޔައީ ހުރާ ޓީމުން މެޗު ކޮންޓްރޯލުކުރި ތަނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި އެޓީމަށް ނުރައްކާތެރި ހިސާބަކުން ހިލޭޖެހުމެއްވެސް ލިބުނެވެ. ނަމަވެސް އެސިއެރ ގޮމެސް އަލްވަރޭޒް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ހުރާއަށް ލިބެމުންދިޔަ ފުރުސަތުތަކުގެ ބޭނުން އެޓީމުން އެންމެ އެދެވޭ ގޮތުގައި ނުހިފުމުގެ ފައިދާ ނަގައިގެން މެޗުގެ އޮއިވަރާ ދެކޮޅަށް، ގައްދޫއިން ވަނީ މެޗުގެ 65 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މިއީ އެޓީމަށް ލިބުނު ކޯނަރަކުން އެމަނުއެލް މަކިންޑޭ ކާމިޔާބުކުރި ގޯލެކެވެ.

ގައްދޫއިން ލީޑު ނެގުމާއެކު ހުރާ ޓީމުން މުޅި ޓީމު އެއްކޮށް ކުރިއަށް ޖައްސައިގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

މި ނަތީޖާ އާއެކު، ހުރާ ކުޅުނު ދެ މެޗުން 1 ޕޮއިންޓު ލިބިފައިވާއިރު، ގައްދޫއަށް މިވަނީ މި މެޗުން މޮޅުވުމާއެކު 3 ޕޮއިންޓު ލިބިފައެވެ. ގައްދޫގެ ފުރަތަމަ މެޗުގައި ހއ.ދިއްދޫ އަތުން 0-1 ގެ ނަތީޖާއިން ބަލިވެފައި ވާއިރު، ހުރާގެ ފުރަތަމަ މެޗުގައި ގްރީން ސްޓްރީޓްސް އާ ވާދަކޮށް، 1-1 ގެ ނަތީޖާއިން ވަނީ އެއްވަރުވެފައެވެ.