ޚަބަރު

ޣައްޒާގެ 16،500 ބަލިމީހުން ފަރުވާއަށް ފުރަން ޔަހޫދީން ހުރަސްއަޅަނީ


ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ތަންފީޒުކުރަމުންދާ ޣައިރުޤާނޫނީ ޙިޞާރުގެ ދަށުން ބޭސްފަރުވާ ހޯދަން ޖެހިފައިވާ 16,500 މީހުން ޣައްޒާއިން ބޭރަށް ދަތުރުކުރުމަށް ހުރަސްއަޅައި، ފަރުވާ ލަސްކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ޝަހީދުކުރަމުންދާ ކަމުގައި އެ ސަހަރުގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ދެ އަހަރު ދުވަހަށް ހިންގި ޤަތުލުޢާންމުގައި ވެސް 73,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

އެކުވެރި ދައުލަތްތަކާއި (އދ) އެހީދޭ ޖަމުޢިއްޔާތަކުން ތުހުމަތުކުރާ ގޮތުގައި ޔަހޫދީން ވަނީ ޣައްޒާއަކީ ދިރިއުޅުމަށް ދަތި ތަނަކަށް ހެދުމަށް ޓަކައި އެ ސަހަރުގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުކޮށްލާފައެވެ. 2025 އޮކްޓޫބަރުގައި "ނަމެއްގައި" ޤަތުލުޢާންމު ހުއްޓައިލާފައި އޮތް ނަމަވެސް، ޣައްޒާއަށް ވަދެނިކުމެ ހެދުމަށް ޔަހޫދީ ފައުޖުން ދަނީ ހުރަސް އަޅަމުންނެވެ. މި ގޮތުން، ޣައްޒާގެ ދެކުނުގައި އޮތް ރަފަޙް ހުރަސް އެޕްރީލު މަހު ހުޅުވައިލާފައި އޮތް ނަމަވެސް، އެ މަގުން ދަތުރުކުރުމަށް ޔަހޫދީ ސިފައިން އަދިވެސް ދަނީ ހުރަސް އަޅަމުންނެވެ. ރަފަޙް ހުރަސް ބޭނުންކުރުމުގެ ފުރުޞަތު ޔަހޫދީން މިހާރު ދެނީ ހަފުތާއަކު އެންމެ ތިން ދުވަހުއެވެ. އަދި، ކަރީމް އަބޫ ސާލިމް ސަރަޙައްދީ ހުރަހުން ބޭސްފަރުވާއަށް ދަތުރުކުރުމުގެ ފުރުޞަތު ދެނީ ހަފުތާއަކު އެންމެ ދުވަހަކުއެވެ.

މި ހުރަސްތައް ނައްތައިލުމަށް ޔަހޫދީންނަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލަމުން ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ، އެ ސަހަރުގެ ޞިއްޙީ ނިޒާމު އަލުން އާރާސްތުކުރެވިއްޖެ ނަމަ، ބަލިމީހުންނަށް އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމުގައެވެ. ޣައްޒާގެ އާބާދީގެ %90 މީހުން ގެދޮރު ނެތިފައިވާއިރު، ކާބޯތަކެތި ލިބުން ވަނީ ނުރައްކާތެރި މިންވަރަކަށް ދަށްވެފައެވެ. ސަބަބަކީ، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެކުރުމަށް ޔަހޫދީ ފައުޖުން އަދިވެސް ހުރަސްއަޅަމުން ދިޔުމެވެ. މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ޣައްޒާގެެ ހުރިހާ ސަރަޙައްދީ ހުރަސްތައް ވަގުތުން ހުޅުވައިލައި، އެހީގެ ސާމާނު އެތެރެކުރުމަށް އޮތް ހުރަސްތައް ނައްތައިލުމަށް ޔަހޫދީންނަށް އަނެއްކާ ވެސް ގޮވައިލައްވާފައެވެ.

އެޕްރީލު މަހު އދއާއި ވިލާތުގެ އިއްތިޙާދުން (އީޔޫ) ނެރުނު ރިޕޯޓެއްގައި ބުނީ، ޣައްޒާގެ އިންސާނީ ތަރައްޤީގެ ޙާލަތު 77 އަހަރު ފަހަތަށް ޖެހިފައިވާ ކަމުގައެވެ. އަދި، އެ ސަހަރު އަލުން އާރާސްތުކުރުމަށް 71 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ބޭނުންވާނެ ކަމަށް ލަފާކޮށްފައިވާއިރު، އަސާސީ ޚިދުމަތްތައް އަލުން ފެށުމަށް ފުރަތަމަ 18 މަސްދުވަހުގެ ތެރޭގައި 26 ބިލިޔަން ޑޮލަރު ބޭނުންވާނެ ކަމުގައެވެ. ގެދޮރާއި، ޞިއްޙަތާއި، ތަޢުލީމާއި، ވިޔަފާރި އަދި ދަނޑުވެރިކަމުގެ ދާއިރާތައް މުޅިން ސުންނާފަތިކޮށްލާފައިވާ ކަމުގައި ވެސް އދއާއި އީޔޫން ބުންޏެވެ.

އެމެރިކާއިން މެދުވެރިވެގެން އެކުލަވައިލި ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދަށުން އެހީގެ ސާމާނު ބަރުކޮށްފައިވާ 600 ލޮރީ ޣައްޒާއަށް އެތެރެވުމުގެ ފުރުޞަތު ކޮންމެ ދުވަހަކު ފަހިކޮށްދޭން ޖެހުނު ނަމަވެސް، ޔަހޫދީން އެ ކަމަށް ހުރަސްއަޅަމުންދާ ކަމުގައި ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން ހާމަކުރިއެވެ. މި ފަދަ ޖަރީމާތަކާ ގުޅިގެން ހަތިޔާރު ބެހެއްޓުމަށް ޙަމާސުން ދެކޮޅު ހެދުމުގެ އިތުރުން، ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޖަރީމާތަކާ ގުޅިގެން ސުލްޙައިގެ މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. ޙަމާސްގެ ސިޔާސީ ގޮފީގެ އިސް އޮފިޝަލެއް ކަމުގައިވާ ޙުސާމް ބަދްރާން ވިދާޅުވީ، ހަތިޔާރު ބެހެއްޓުމުގެ މައްސަލައަށް ޙައްލެއް ހޯދާނީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ މުޖާހިދުންގެ އެހެން ޖަމާޢަތްތަކާ މަޝްވަރާކުރުމަށް ފަހު ކަމުގައެވެ. ޖޫން 7 ގައި މިޞްރުގައި ސުލްޙައިގެ މަޝްވަރާތަކުގެ އައު ބުރެއް ފެށިފައިވާއިރު، ޙަމާސުން ބުނީ ކުރިއެރުމެއް ހޯދޭނީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް މުޅިން ހުއްޓައިލުމުން ކަމުގައެވެ.