އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ކްރޮއޭޝިޔާގެ ސްކޮޑުގައި އުމުރުން 40 އަހަރުގެ ލޫކާ މޮޑްރިޗް ހިމަނައިފި އެވެ.
އިޓަލީގެ އިންޓާރ މިލާނަށް ކުޅެމުންދާ މޮޑްރިޗް ގައުމީ ޓީމަށް ނެގިއިރު އޭނާގެ މޫނަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން މިވަގުތު ހުރީ ކުޅުމާއި ދުރުގަ އެވެ. މިދިޔަ އެޕްރިލް މަހު އިންޓަރ މިލާނާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި މޮޑްރިޗަށް އަނިޔާވެފައިވާއިރު ވޯލްޑްކަޕް ފެށެންވާއިރަށް އޭނާ އަނިޔާއިން ރަގަޅުވާނެކަމަށް އެ ޓީމުގެ މެޑިކަލް ޓީމުން ވަނީ ބުނެފަ އެވެ.
2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލަށް ކްރޮއޭޝިޔާ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ މޮޑްރިޗް ވަނީ އެ އަހަރުގެ ބެލޮންޑިއޯ އެވޯޑްވެސް ކާމިޔާބުކޮށްފަ އެވެ.
ކްރޮއޭޝިޔާގެ ކޯޗް ޒްލަޓްކޯ ޑަލިޗްގެ ސްކޮޑުން މޮޑްރިޗަށް ޖާގަ ދިނުމަށްފަހު އޭނާ ބުނެފައިވަނީ މޮޑްރިޗަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ މިވަގުތު ފަރިތަކުރަމުންދަނީ މޫނުގައި މާސްކެއް އަޅައިގެން ކަމަށެވެ.
"އޭނާ މިވަގުތު ފަރިތަކުރަމުންދަނީ މާސްކެއް އަޅައިގެން. އަހަރެންގެ އެއްވެސް ޝައްކެތް ނެތް އޭނާ އެއްކޮށް ފިޓުވެ ރަގަޅު ކުޅުމެއް ދައްކާނެ ކަމާއިމެދު." ޑަލިޗް ބުންޏެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑާއި އިންގްލެންޑްގެ ޓޮޓްނަމް ހޮޓްސްޕަރ އަށް ކުރިން ކުޅެފައިވާ މޮޑްރިޗްގެ މިއީ ފަސްވަނަ ވޯލްޑްކަޕެވެ.
މޮޑްރިޗްގެ އިތުރުން އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި މިވަގުތު ހުރި މެންޗެސްޓަރ ސިޓީގެ ޖޖޮސްކޯ ގްވަޑިއޯލްވެސް ވަނީ 26 ކުޅުންތެރިންގެ ސްކޮޑުގައި ހިމަނާފަ އެވެ.