ޚަބަރު

ސަލާމަތީ މަޖިލީހަށް ހުށައަޅާ ހުރްމުޒް ޤަރާރަށް 112 ޤައުމެއްގެ ތާޢީދު


ގޭހާއި ތެޔޮ އުުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅިން ހުރަހެއް ނެތި ދަތުރުކުރެވޭނެ ކަން ކަށަވަރުކުރުމަށް ގޮަވައިލާ އދގ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ޤަރާރެއްގެ ދެލިކޮޕީއަށް 112 ޤަައުމަކުން ތާއީދުކޮށްފިއެވެ. އެހާ ގިނަ ޢަދަދެއްގެ ޤައުމުތަކުން މި ދެލިކޮޕީއަށް ތާއީދު ކުރުމުން ހުރްމުޒް ކަނޑުއޮޅި ބަންދުވެފައި އޮތުމުން ޤައުމުތަކުގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާ މިންވަރު ހާމަވެގެން ދެއެވެ.

ބަޙްރައިންއާއި އެމެރިކާއިން ހުށަހެޅި މި ޤަރާރުގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ ކަނޑުއޮޅިތަކާއި ކަނޑު މަގުތަކާއި، ވިޔަފާރި އުޅަނދުފަހަރާއި އެ އުޅަނދުތަކުން އުފުލާ ހަކަތަ ރައްކާތެރިކުރުމެވެ. އަދި ކަނޑުބޯޓުތަކުގައި ދަތުރުކުރާ ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އޭގެ އިތުރުން އީރާނުން ގަލްފުގެ ޤައުމުތަކަށް ދެމުންދާ ޙަމަލާތައް ހުއްޓައިލުމަށް ވެސް އެ ޤަރާރުގައި ގޮވާލާފައިވެއެވެ.

މި ދެލިކޮޕީއަށް ތާއީދުކޮށްފައިވާ މައި ސްޕޮންސަރުންނަކީ އެމެރިކާއާއި މަނާމާއެވެ. ގަލްފުގެ ތިން ޤައުމުކަނަށްވާ ޤަޠަރާއި ސަޢުދީ ޢަރަބިއްޔާއާއި ކުވައިތުން ވެސް ވަނީ މައި ސްޕޮންސަރުންގެ ގޮތުގައި އެ ޤަރާރަށް ތާޢީދުކޮށްފައެެވެ. އިންޑިޔާއާއި ޖަޕާންއާއި ދެކުނު ކޮރެޔާއާއި ކެންޔާއާއި އާޖެންޓީނާއާއި ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ގިނަ މެންބަރު ޤައުމުތަކުން ވެސް ވަނީ އެ ހުށަހެޅުމަށް ތާއީދުކޮށްފައެވެ. ޖުމްލަ 112 ޤައުމަކުން ޤަރާރަށް ތާއީދު ކުރިއިރު، އެއީ 193 މެންބަރު ޤައުމުގެ މައްޗަށް އެކުލެވޭ އދގެ ގާތްގަނޑަކަށް ތިންބައި ކުޅަ ދެބައެވެ.

މިއީ ބަޙްރައިނުން ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ މި ފަދަ ދެ ވަނަ ޤަރާރެެވެ. ފުރަތަމަ ޤަރާރު ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެ ހުށަހެޅުން ބާޠިލްވީ ޗައިނާއާއި ރަޝިޔާއިން އެ ޤަރާރު ވީޓޯ ކުރުމާ ގުޅިގެންނެވެ. ދެ ޤައުމުން ވަނީ އައު ދެލިކޮޕީއާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ވޯޓާ ހަމައަށް ޤަރާރު ގޮސްފި ނަމަ ދެ ޤައުމުން އެ ޤަރާރު ވީޓޯ ކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ވޯޓުލާނެ ވަކި ތާރީޚެއް ވެސް މިހަާ ތަނަށް ކަނޑައަޅާފައެއް ނުވެއެވެ.