ރާއްޖޭގެ އެކި ސަރަޙައްދުތަކުން ރިޕޯޓުކުރާ ހުމާ ރޯގާ އަދި ޑެންގީގެ ކޭސްތައް މިހާރުވަނީ އިތުރުވެފައެވެ. ކޮންމެ އަހަރެއްގެވެސް މޫސުމީ ވިއްސާރައާއި ދިމާކޮށް މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް އިތުރުވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރައާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް މަދިރި އާލާވުމުގެ ފުރުސަތުވަނީ ބޮޑުވެފައެވެ. މިއާއެކު މިދުވަސްވަރު ރިޕޯޓުކުރަމުންދާ މަދިރީގެ ޒަރީއްޔާއިން ޖެހޭ ބަލިތަކުގެ ޢަދަދުވެސް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިއަހަރުގެ މާރިޗު މަހަށްވުރެ ހުސްވި އޭޕްރީލްމަހު ޑެންގީ ހުންޖެހިގެން ރިޕޯޓުކޮށްފައިވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުންވަނީ ފާހަގަވެފައެވެ.
މަދިރީގެ ސަބަބުންޖެހޭ ތަފާތު ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު މިބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަންޖެހެއެވެ. އެގޮތުން ވާރޭވެހި ފެން ހަރުލާ ތަންތަނުގައި މަދިރި އުފެދުމަށް މަގުފަހިވާއިރު އެފަދަ ތަންތަން ނައްތާލުމަކީ ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ މުހިއްމުކަމެކެވެ. އެގޮތުން ގެއާއި ގޯތިތެރޭގައިވެސް އަދި ރަށުތެރޭގައިވެސް ފެން ހަރުލާފައި ހުންނަ ތަންތަން ނައްތާލުމަށް އާންމުންނާއި ކައުންސިލްތަކުން ޚާއްސަ ސަމާލުކަމެއް މިދުވަސްވަރު ދޭންޖެހެއެވެ.
The mosquitoes that cause #Dengue, #Zika and #Chikungunya breed in and around our homes. Let's make sure to keep our homes and surroundings clean and eliminate breeding sites. 🦟 #ChikungunyaAwareness#DengueAwareness#ZikaAwareness#FightTheBite pic.twitter.com/QEZdxSd1mC
— Health Protection Agency (@HPA_MV) May 4, 2026
މީގެއިތުރުން މިދުވަސްވަރު މަދިރި އުޅޭ ގަޑިތަކުގައި ބޭރުގައި އުޅުން މަދުކުރުމާއި، ބޭރުގައި އުޅޭއިރުވެސް ނިވާކަން ބޮޑު އަންނައުނު ބޭނުންކުރެވިދާނެއެވެ. ހަމައެއާއެކު މަދިރި ލޯޝަން ނުވަތަ ސްޕްރޭ ބޭނުންކުރުމާއި މަދިރިން ރައްކާތެރިވުމަށް ދޮރާއި ކުޑަދޮރުތައް ލެއްޕުމަކީވެސް ކުރެވިދާނެކަމެކެވެ. ޑެންގީ ޖައްސާ "އީޑިސް" މަދިރި އާންމުކޮށް ހަފަނީ ދުވާލުގެ ގަޑިތަކުގައެވެ. އެހެންނަމަވެސް އާންމުގޮތެއްގައި މަދިރި ހެނދުނާއި ހަވީރު އިތުރުވާތީ އެގަޑިތަކުގައި ބޭރަށް ނިކުތުން މަދުކޮށް ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ސަމާލުކަންދޭންޖެހެއެވެ.
މަދިރީގެ ސަބަބުން ޖެހޭ ޑެންގީ ހުމާމެދު ސަމާލުވާންޖެހެއެވެ. ޑެންގީ ހުންޖެހި ހާލު ބޮޑުވެ ފުރާނައަށް ނުރައްކާވާ ފަދަ ހިތާމަވެރި ޙަދިސާތައް މިއަހަރުގެ ތެރޭގައިވެސް ހިނގާފައިވެއެވެ. އެހެންކަމުން މަދިރިން ރައްކާތެރިވުމަށް ދުރަލާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.