އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ބްރެޒިލްގެ ޓީމުން ނޭމާ އަށް ފުރުސަތު ދޭނީ އޭނާގެ ފިޓްނަސް އާއި ހުރި ފޯމަށް ބެލުމަށްފަހުގައި ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޮއްޓީ ބުނެފި އެވެ.
އުމުރުން 34 އަހަރުގެ ނޭމާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެ އޭނާގެ އަސްލު ކުޅުން ދެއްކޭ ގޮތް ނުވެފަ އެވެ. ސައުދީ ޕްރޯ ލީގުގައި ކުޅުމަށްފަހު އޭނާ އެނބުރި ބްރެޒިލް އަށް ބަދަލުވެފައިވަނީވެސް ވޯލްޑްކަޕްގައި ކުޅުމުގެ މަގުސަދުގަ އެވެ.
ބްރެޒިލްގެ 55 ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޕްރޮވިޝަނަލް ސްކޮޑު ފީފާ އަށް ހުށައަޅާފައިވާއިރު އެންޗެލޮއްޓީ ވަނީ ނޭމާގެ އިތުރުން އުމުރުން ދުވަސްވީ ޑިފެންޑަރ ތިއާގޯ ސިލްވާގެ ނަންވެސް ހިމަނާފަ އެވެ.
"ފައިނަލް ސްކޮޑުގައި ހިމަނާ ކުޅުންތެރިން ނެގުމުގައި ވަރަށް ގިނަ ކަންތައްތަކަށް ވިސްނަން ޖެހޭ. ކުޅުންތެރިޔާގެ ފިޓްނަސްގެ އިތުރުން އޭނާ ކްލަބްގައި ދައްކާ ކުޅުމަށް ބަލަންޖެހޭނެ." ރޮއިޓަރސް އަށް ދިން އިންޓަވިއުއެއްގައި އެންޗެލޮއްޓީ ބުންޏެވެ.
ޔޫރަޕްގެ އެންމެ މަޝްހޫރު ފަސް ލީގުގެ ޗެމްޕިއަންކަން ކޯޗެއްގެ ގޮތުގައި ހޯދާފައިވާ ހަމައެކަނި ފަރާތް ކަމުގައިވާ އެންޗެލޮއްޓީ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު މަތިން ކޯޗެއްގެ ގޮތުގައި ހޯދާފަ އެވެ.
އެހެންކަމުން އޭނާއަށް މި ފަހަރު އޮތް ޓާގެޓަކީ ފާއިދުވެދިޔަ ދުވަސްތަކުގައި ބްރެޒިލް އަށް ވޯލްޑްކަޕްގައި އެދެވޭ ރަގަޅު ނަތީޖާތަކެއް ހޯދިފައިނުވާތީ އެކަން ބަދަލުކޮށް އެ ޓީމަކީ ދުނިޔޭގެ ޗެމްޕިއަނުންނަށް ހެދުމެވެ.