އަރަފާތު ބިމަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުހިންމު މަޝާޢިރެވެ. ޙައްޖު ދުވަސް ނުވަތަ އަރަފާތު ދުވަހު އެންމެހާ ޙާޖީން މަޑުކުރާނީ އަރަފާތު ބިމުގައި، ޙާޖީން މަޑުކުރުމަށް ހަދާފައިވާ ޓެންޓު ސަރަޙައްދުގައެވެ.
ޙައްޖުގެ ކަންކަމަށް ދިވެހިރާއްޖެއިން ވަމުންގެންދާ ތައްޔާރީތަކުގައި، މިނާއެކޭ އެއްގޮތަށް އަރާފާތުގައި ދިވެހިން މަޑުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ އިންތިޒާމްތަކުގައިވެސް މިހާރު ކުރިއަށްގެންދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.
ދިވެހިރާއްޖޭގެ ޙައްޖު މިޝަންއިން ވަނީ އަރަފާތުގެ އިންތިޒާމްތައް ބައްލަވާލައްވާލައްވާފައެވެ.
މިނާގެ އިންތިޒާމުތަކަށްބަލާއިރު ޓެންޓުތައް ޖެހުމުގެ މަސައްކަތްތައް ނިމި، ހުރިހާ ޓެންޓްތަކުގައި ފިނިކުރާ ނިޒާމުވެސް ބަހައްޓާ ޓެސްޓުކުރުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. ޓެންޓުތަކުގައި މިހާރު ކުރަމުންދަނީ ޓެންޓުގައި ޙާޖީންނަށް ބަހައްޓާ ސޯފާ ބެޑްތައް ބެހެއްޓުމާއި އަދި އެހެނިހެން ވަސީލަތްތައް ޤާއިމުކުރުމެވެ. ފާޚާނާތައް ބެހެއްޓުމުގެ ކަންކަން ވަނީ ނިންމާފައެވެ.
އަރަފާތުގައިވެސް އެންމެހާ އިންތިޒާމްތައް ހަމަޖައްސާނީ މައްކާގެ މުޠައްވިފް ރަވާފް މިނާގެ އެހީތެރިކަމާއެކުގައެވެ. އަދި އެއްވެސް އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ، ފަސޭހައިން ޚިދުމަތް ދެވޭގޮތަށް، ރަވާފް މިނާގެ އޮފީހެއްވެސް ޓެންޓުތަކާއި އިންވެސް ޤާއިމުކުރާނެއެވެ.
ދިވެހިން އަރަފާތުގައި ތިބޭ ޓެންޓް ސަރަޙައްދުގައި މިފަހަރު އެންމެ ބޮޑު ފަސޭހައަކަށްވަނީ އެ ސަރަޙައްދުގެ ވަށައިގެން ފެންސް ޖަހާ، ހަމައެކަނި ދިވެހިންނަށް ވަދެވޭގޮތަށ ޓެންޓު ސަރަޙައްދު ހަމަޖެއްސުމެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި ޙާޖީން އެދެމުންދިޔަ ކަމެކެވެ.
މިނާގަވެސް މިހާރު ވަނީ މުހިންމު ގިން އިންތިޒާމްތައް ނިންމާފައެވެ. ދިވެހިން މިއަހަރުވެސް ތިބޭނީ މިދިޔަ އަހަރުވެސް ތިބި ޓެންޓްތަކުގައެވެ. ނަމަވެސް މިފަހަރު ވަނީ އެތަނުގައި އާ ފާޚަނަ ބަރިއެއް ތަރައްޤީކޮށް، ފާޚަނައިގެ އަދަދު ހަތަރު ގުނަ އިތުރުކޮށްފައެވެ. މިހާރު މިނާ ޓެންޓުގައި 60އަށްވުރެ ގިނަ ފާޚާނާ ހުންނާއެވެ.
އަދި ކެއިންބުއިމުގެ އިންތިޒާމްތައްވެސް މިއަހަރު އިތުރަށް ރަނގަޅުވާނެއެވެ.