ޓްރާންސްޕޯޓް އޮތޯރިޓީން ހިންގެވި ނިޔަމި ކޯސް 2 ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދެއްވައިފިއެވެ.
މިކަމަށްޓަކައި އެބްލޫ ރިސޯޓްގައި ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒެވެ. މި ޕްރޮގްރާމަކީ ރާއްޖޭގައި ކަނޑުއުޅަނދުފަހަރުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީ ތަމްރީނުވެފައި ތިބި ބައެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހިންގަވާ ޕްރޮގްރާމްގެ ދަށުން ހިންގެވި ކޯހެކެވެ.
30 ގަޑިއިރުގެ މި ކޯސް ފުރިހަމަކުރި ފަރާތްތަކަށް 24 މޭލާ ހަމައަށް ރާއްޖޭގެ ކަނޑުތަކުގައި އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ދެއްވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ރާއްޖޭގެ ކަނޑުދަތުރުކުރާ އުޅަނދުތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކީވެސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލް ކުރައްވާ ސެޓްފިކެޓެއް ލިބިފައިވާ ބަޔަކަށް އަންނަ އަހަރުގެ ޖެނުއަރީ މަހު 1 ވަނަ ދުވަހުގެ ކުރިން ވާންޖެހޭ ކަމަށެވެ. އޭގެތެރޭގައި ކަނޑު އުޅަނދު ފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންނާއި މެކޭނިކުންވެސް ހިމެނެއެވެ.
މި ތަމްރީން ޕޮރޮގްރާމް ހިންގެވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިހާރު ވަނީ 3 ފަރާތަކަށް ހުއްދަ ދެއްވާފައެވެ. އެއީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާއި އެކަޑަމީ އޮފް މަރިޓައިމް އެންޑް މެނޭޖްމަންޓް ސްޓަޑީޒް އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއެވެ.