އިޙުރާމަކީ، ހަމައެކަނި އަޅާ ހެދުމެއް ނޫނެވެ. އިޙުރާމަކީ ނިޔަތެކެވެ. ޙައްޖާއި ޢުމްރާއަށް އިޙުރާމުވުމަކީ، ﷲ އަށްޓަކައި ވަކި ކަންތައްތަކެއް ކުރުމުން މަނާވެގެން ހުރުމެވެ. އާންމުކޮށް ކުރުން ހުއްދަ ކަންތައްތަކެއް، ހުރުމަތްތެރިކަމުގައި ދޫކޮށްލައިގެން ހުރުމެވެ.
ޢުމްރާއާއި ޙައްޖަށް ނިޔަތް ކިޔައި ހިތުން ނިޔަތް ގަތުމާއެކު ޢުމްރާއާއި ޙައްޖުގެ ދަތުރު ފެށުނީއެވެ. އިޙުރާމުގެ ޙާލަތުގައި މަނާވާ އެންމެހާ ކަންކަން މަނާވީއެވެ.
އަންހެނާގެ އިޙުރާމު ހެދުމަކީ، އައުރަ ނިވާވާ އާދައިގެ ކޮންމެ ހެދުމެކެވެ. ވަކި ޚާއްސަ ހެދުމެއް ނޯވެއެވެ. ވަކި ކުލައެއް ނޯވެއެވެ. ހުދު ވިޔަސް، ކަޅު ވިޔަސް، އެހެން ކުލައެއް ވިޔަސް، މީހާގެ އައުރަ ނިވާވާ ގަޔަށް ދޫ ހެދުމެކެވެ.
އިޙުރާމު ހެދުން އެޅުމުގެ ކުރިން ގައިގައި މީރުވަސްދުވާ އެއްޗެހި ލުމަކީ، ސުންނަތެކެވެ. ނަމަވެސް އިޙުރާމު އެޅުމަށްފަހު އެފަދަ އެއްވެސް އެއްޗެއް ބޭނުންކުރުން މަނާވާނެއެވެ. ނިޔަފަތި ކެނޑުމާއި، އިސްތަށި ބޭލުންފަދަ ކަންކަން މަނާވީއެވެ.
އަންހެނުންގެ އިޙުރާމު ހެދުމާ ގުޅޭގޮތުން ތަފްސީލް ކޮށްދެއްވަމުން އުސްޠާޛާ ސާމިޔާ ޒަކަރިއްޔާ ވިދާޅުވީ، އިޙުރާމު އެޅުމަކީ، މީހާގެ ނިޔަތް ކަމަށެވެ. ނިޔަތް ގަތުމަށްފަހު، އޭނާ ލައިގެން ހުންނަ ހެދުން ނުވަތަ އަންނައުނު އެހެން ހެދުމަކަށް ބަދަލު ކޮށްލުމަކުން އެކަމުގައި މައްސަލައެއް ނެތް ކަމަށެވެ.
"ބޭނުންވެއްޖެ ޙާލަތެއްގައި ހެދުން ބަދަލު ކޮށްލެވިދާނެ. މިސާލަކަށް އިޙުރާމުގައި ކޮޓަރީގައި މަޑުކޮށްލާ ވަގުތު އަބަދު ބުރުގާ އަޅައިގެން ނުވަތަ އިސްޓާކީނަށް އަރައިގެން ހުންނާކަށް ނުޖެހޭނެ. އިޙުރާމު އެޅުމަށްފަހު ފެންވެސް ވެރިދާނެ. ރައްކާތެރި ވާންވާނީ، ބޮލުން އިސްތަށި ނުފައިބާނެ ގޮތަށް ނުވަތަ ނުކޮށޭ ގޮތަށް އަދި ނިޔަފަތި ނުކެނޑުން ފަދަ ކަންކަމަށް." އުސްޠާޛާ ސާމިޔާ ވިދާޅުވިއެވެ.
އިހުރާމުގައި ހުންނަ އަންހެނާއަށް މޫނާއި ދެ އަތްތިލަ ނިވާކުރުން ހުއްދަވެގެން ނުވެއެވެ.
"މޫނާއި ދެ އަތްތިލައަކީ، އިޙުރާމު އަޅާ ހިސާބުން ފޮރުވޭނެ ގުނަވަންތަކެއް ނޫން. އިޙުރާމު އެޅުމަށްފަހު މޫނުގައި ބަންނަ ފޮތިކޮޅު ބޭނުމެއް ނުކުރެވޭނެ. ނަމަވެސް މާސްކު، ނުވަތަ އެ އަޅައިގެން ހުންނަ ބުރުގާގެ ފޮތިކޮޅު ކުރިއަށްޖައްސާލާ މޫނު ނިވާކޮށްލެވިދާނެ." އުސްޠާޛާ ސާމިޔާ ވިދާޅުވިއެވެ.
ޙައްޖަށް އިޙުރާމު އަޅައި، މަޝާއިރުގައި ހޭދަ ކުރާ 5 ދުވަހުވެސް އެއް ހެދުމެއްގައި ހުންނާކަށް ނުޖެހޭނެއެވެ.
8 ވަނަ ދުވަހުގެ ރޭ މިނާގައި، 9 ވަނަ ދުވަހު އަރާފަތު ބިމުގައި މަޑުކުރުމަށްފަހު، 3 ވަނަ ދުވަހު ހިލައުކާ، ބޮލުން އިސްތަށިކޮޅެއް ކޮށައި އަދި ޙަދިޔު ކަތިލުމުން، ޙައްޖުވެރިޔާއަށް ފުރަތަމަ ތަޙައްޟުލު ވެވޭނެއެވެ. އޭނާގެ އިޙުރާމު ހެދުން އެހެން ހެދުމަކަށް ބަދަލު ކުރެވޭނެއެވެ. ފެންވަރާ ސާފުވެ، އައުރަ ނިވާވާ ފަދަ އެހެން ހެދުމަކަށް ބަދަލު ކުރެވިދާނެއެވެ.
އިޙުރާމު މުޅިން ކެނޑޭނީ، މަޝާޢިރުގެ ބިމުން އެނބުރި އައިސް ޠަވާފްކޮށް ސަޢުޔު ކުރުމުންނެވެ.