ޚަބަރު

އެމްއެމްއޭގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ ޖުލައިމަހު


  • އެކްސްޕޯ ކުރިއަށްދާނީ ޖުލައި 2އިން 4އަށް

  • އެކްސްޕޯގައި މާލީ އިދާރާތަކުން އާ ޚިދުމަތްތައް ތައާރަފް ކުރާނެ

  • މީގެކުރިން 2015 އަދި 2017ގައި މި އެކްސްޕޯ ބާއްވާފައިވޭ

ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރއަށް ޚާއްސަކޮށްގެން ބާއްވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ "އެމްއެމްއޭ"ގެ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ މިއަހަރުގެ ޖުލައި މަހު ބޭއްވުމަށް ނިންމައިފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

އެމްއެމްއޭއިން ވިދާޅުވީ، މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަކީ މާލީ ކަންކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށާއި މާލީ ޚިދުމަތްދޭ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ މައުލޫމާތު ލިބިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަަށެވެ.

އެމްއެމްއޭއިން މީގެކުރިން 2015 ވަނަ އަހަރު އަދި 2017 ވަނަ އަހަރު މި ފައިނޭންޝަލް އެކްސްޕޯ ބާއްވާފައިވެއެވެ. މީގެކުރީގެ އެކްސްޕޯތަކަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ.

އެމްއެމްއޭއިން ވިދާޅުވީ، މި އަހަރުގެ އެކްސްޕޯގައި މާލީ އިދާރާތަކުން އާ ޚިދުމަތްތަކާއި ޕްރޮގްރާމުތައް ތައާރަފް ކުރުމަށް ރާވާފައިވާ ކަމަށެވެ.

އެކްސްޕޯގެ އިތުރުން މާލީ އިދާރާތަކުން ދޭ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ، މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑުގެ ނަމުގައި އެވޯޑެއް ތައާރަފް ކުރުމަށްވެސް ނިންމަވާފައެވެ.

މިކަމާއި ގުޅިގެން އެމްއެމްއޭއިން ވިދާޅުވީ، މި އެވޯޑަކީ މާލީ އިދާރާތަކުން ހޯދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ދާއިރާގެ ކުރިއެރުމާއި ތަރައްޤީއަށް އެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރުމަށް ދޭ އެވޯޑެއް ކަމަށެވެ.

މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސްގައި ޖުމްލަ 7 އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ، މާލީ ނިޒާމު ހަރުދަނާކުރުމަށް އެމްއެމްއޭއިން ޚާއްސަ އަހައްމިއްޔަތުކަންދޭ ދާއިރާތައް ކަމަށްވާ މާލީ ބައިވެރިވުން އިތުރު ކުރުމާއި، މާލީ ހޭލުންތެރިކަން އިތުރު ކުރުމާއި، ޑިޖިޓަލް ފައިނޭންސް ފުޅާކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަ މާލީ ޚިދުމަތްތައް އިތުރު ކުރުމުގެ އިތުރުން ގްރީން ފައިނޭންސް ކުރިއެރުވުމާ ގުޅޭ ދާއިރާތަކުންނެވެ.

އެމްއެމްއޭގެ އަމާޒަކީ، މި އެވޯޑުގެ ސަބަބުން މާލީ ޚިދުމަތްތައް ދިނުމުގައި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ، ހުރިހާ ދާއިރާއެއް ޝާމިލުވާ ފަދަ މާލީ ޚިދުމަތްތަކެއް ދިނުމަށް ބާރުއެޅުމެވެ. އަދި މިއީ ދާއިރާގެ ވާދަވެރިކަން އިތުރުވެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބާރުއެޅޭނެ ކަމެއް ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

މި އެވޯޑްތަކަށް ޝަރުތު ހަމަވާ މާލީ އިދާރާތަކަށް އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެވޯޑް ލިބޭ ފަރާތްތައް އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ، މިކަމަށް ޚާއްސަކޮށް ޖުލައި މަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެއްގައި ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.