ޚަބަރު

މިދިޔަ މަހުގެ ނިޔަލަށް ޓީޓީތަކަށް 136 މިލިޔަން ޑޮލަރު


  • މިދިޔަ މަހުގެ ނިޔަލަށް 40،944 ޓީޓީ

  • އެންމެ ގިނައިން ޓީޓީތަކަށް ޑޮލަރު ވިއްކާފައިވަނީ މާރިޗް މަހު

މިދިޔަ މަހުގެ ނިޔަލަށް ޓީޓީތަކަށް 136 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ބީއެމްއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ މިދިޔަ މަހުގެ ނިޔަލަށް ބޭރުފައިސާގެ މުޢާމަލާތްތަކާއި ބޭރު ފައިސާ ވިއްކުމުގެ މުޢާމަލާތްތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށާއި ރާއްޖެއިން ބޭރުކުރާ ކާޑުގެ މުޢާމަލާތްތަކަށް 296 މިލިޔަން ޑޮލަރު ވިއްކާފައިވެއެވެ. ތަފާސްހިސާބަށް ބަލާއިރު 2025 ވަނަ އަހަރަށް މަހެއްގެ މައްޗަށް އެވްރެޖްކޮށް ވިއްކާފައިވަނީ 47 މިލިޔަން ޑޮލަރެވެ. އަދި މިއަހަރު ފާއިތުވި ހަތަރު މަހަށް ބަލާއިރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ވިއްކާފައިވަނީ 74 މިލިޔަން ޑޮލަރެވެ.

ބީއެމްއެލްއިން ޓީޓީތަކަށް ދެއްކި ޑޮލަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް 40،944 ޓީޓީއަކަށް 136 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. އަދި މިދިޔަ އަހަރާ އަޅާބަލާއިރު މަހަކަށް ވިއްކާފައިވާ ޑޮލަރުގެ އަދަދު އިތުރެވެ. އެގޮތުން 2025 ވަނަ އަހަރު މަހަކަށް ވިއްކާފައިވަނީ 15 މިލިޔަން ޑޮލަރެވެ. ނަމަވެސް މިއަހަރު މަހަކަށް ވިއްކާފައިވަނީ 34 މިލިޔަން ޑޮލަރެވެ.

2026 ވަނަ އަހަރު ޓީޓީއަށް ޑޮލަރު ވިއްކި ގޮތުގެ ތަފްސީލް

- ޖަނަވަރީ: 10838 ޓީޓީ/ 35 މިލިޔަން ޑޮލަރު
- ފެބްރުވަރީ: 10551 ޓީޓީ/ 34 މިލިޔަން ޑޮލަރު
- މާރިޗު: 10600 ޓީޓީ/37 މިލިޔަން ޑޮލަރު
- އެޕްރީލް: 8955 ޓީޓީ/ 30 މިލިޔަން ޑޮލަރު

މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުތަކަށް ވަނީ 160 މިލިޔަން ޑޮލަރު ވިއްކާފައެވެ. އެއީ މަހަކަށް އެވްރެޖްކޮށް 40 މިލިޔަން ޑޮލަރެވެ.

ރާއްޖެއިން ބޭރުން އައި ފައިސާގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 1.26 ބިލިޔަން ޑޮލަރު ވަނީ އައިސްފައެވެ. އަދި މިއަހަރު އޭޕްރީލް މަހުގެ ނިޔަލަށް 1.58 ބިލިޔަން ޑޮލަރު ރާއްޖެއިން ބޭރުން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ވަނީ 1.45 ބިލިޔަން ޑޮލަރު ފޮނުވާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ 1.03 ބިލިޔަން ޑޮލަރެވެ.

ކްރޮސްބޯޑަރ ޓްރާންސެކްޝަންތަކަށް ބަލާއިރު 306 މިލިޔަން ޑޮލަރު ރާއްޖެއިން ބޭރުން އައިސްފައިވެއެވެ. އަދި ރާއްޖެއިން ބޭރަށް ވަނީ 414 މިލިޔަން ޑޮލަރު ފޮނުވާފައެވެ.